ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޯލިޝަން ސަރުކާރުގައި އިދިކޮޅު އެމްޑީޕީ ބައިވެރިނުކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގު (ޓޯޕީ) މިރޭ ވިދާޅުވީ މި ސަރުކާރުގައި އިތުރު ޕާޓީއެއް ދެން ބައިވެރިނުކުރުމަށް ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމާފައިވާ ކަމަށާއި އެގޮތަށް ރައީސް ނިންމެވީ ރައީސް އަމިއްލަފުޅަށް ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކަރަކީ ގާނޫނީ ސަރުކާރެއް ކަން ކޯނީގެ ރިޕޯޓުން އެނގިގެން ގޮސްފައިވާ ކަމަށާއި ދެން އަވަސް އިންތިހާބެއްގެ ވާހަކަ ދެއްކުމެއް ވެސް ނެތް ކަމަށެވެ.

"ކޯނީގެ ރިޕޯޓަށް ފަހު އަވަސް އިންތިހާބުގެ ވާހަކަ ވެސް އެދިޔައީ އިނގޭތޯ. ކޯނީގެ ރިޕޯޓަށް ކަނޑައަޅާފައި އެ އޮތީ މި ސަރުކަރަކީ ގާނޫނީ ސަރުކަރެއްކަން. އެހެންކަމުން ދެން އަވަސް އިންތިހާބެއް ބާއްވަން ޖެހޭ ސަބަބެއް ނޯންނާނެ އިނގޭތޯ. ގާނޫނު އަސާސީގައިވާ މުއްދަތުގެ ކުރިނެއް،" ޓޯޕީ ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވުމަށް އިދިކޮޅު އެމްޑީޕީން ހުށައަޅާފައި ވަނީ އިއްޔެ ބޭއްވި، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާތައް، "ލީޑާޒް ޑައިލޮގު"ގަ އެވެ. އެ ބައްދަލުވުން ނިންމާލުމަށް ފަހު ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ އެ ޕާޓީން އެ ގޮތަށް ހުށަހެޅީ ކޯނީގެ ރިޕޯޓުގައި މި ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ކަނޑައަޅާފައި ވާތީ އާއި ސަރުކާރު ބަދަލުވި އިރު ވެސް އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ވާތީ ކަމަށެވެ.

"ދެ ހާސް އަށް ވަނަ އަހަރުގައި އިންތިހާބަކުން މޮޅުވިއިރުގައި މި ރާއްޖޭގައި މިއޮތީ އެމްޑީޕީގެ ސަރުކާރެއް، އެހެންވެ އަޅުގަނޑުމެން މި ސަރުކާރުގައި ބައިވެރިވާނަމޭ، އޭރުންނޭ އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން އެއްޗެއް ބުނުމުގެ ބާރު ލިބޭނީ، އެކަން އަޅުގަނޑުމެން ހުށަހެޅިން،" މޫސަ ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް ޔަގީންކަމާ އެކު ދަންނަވަން އަޅުގަނޑުމެން ބުނެފައި އޮންނާނީ ކޯނީގެ ރިޕޯޓުގައި، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި މައްސަލައެއް ނެތި ކަމަށް ވެއްޖިއްޔާ، މިހާރު މިއޮތީ 2008 ވަނަ އަހަރު ހޮވި ވެރިކަން ކަމަށް ވިއްޔާ އެ ސަރުކާރޭ މިއީ. މި ސަރުކާރުގައި އެމްޑީޕީ އޮންނާނެއޭ، އަޅުގަނޑުމެން މި ސަރުކާރާ އެކީއޭ ކުރިއަށް ދާން މިތިބީ،" މޫސާ ރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ އެ ހުށަހެޅުމާ އެކު ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓްނަރުން ވަނީ އެ ހުށަހެޅުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ބައެއް ޕާޓީތަކުން ބުނީ އެ ހުށަހެޅުމުގެ ފުރަގަހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "މަކަރުވެރި" ރޭވުމެއް އޮތްތޯ ބަލަން ޖެހޭނެ ކަމަށެވެ. އަނެއް ބައި ޕާޓީތަކުން ބުނީ ކޯލިޝަން ސަރުކާރުގައި އެމްޑީޕީ ބައިވެރިވުމަށް ނިންމާ ނަމަ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ.

ގައުމީ ޕާޓިގެ ނައިބް ރައިސް އަދި މިހާރުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލު އަހުމަދު ވިދާޅުވީ ޑރ. މުހަންމަދު ވަހީދުގެ އެއްބައިވަންތަކަމުގެ ސަރުކާރުގައި އެމްޑީޕީ އަށް އެއްވެސް ފުރުސަތެއް ލިބެން ޖެހޭނެ ހަމައެއް ނެތް ކަމަށެވެ. އަދި ޕީޕީއެމް އިން ވެސް ބުނެފައި ވަނީ މިއަދުގެ ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީން ހުށަހެޅީ ސަރުކާރުގެ ތެރޭގައި ތިބެގެން ސަރުކާރު ހަލާކުކޮށްލުމުގެ ވިސްނުމުގައި ކަމަށެވެ.