02 Sep 2010, 08:07
ރާއްޖޭގެ ފުރަތަމަ އަދި މަޝްހޫރު ރިސޯޓް ކުރުނބާ މޯލްޑިވްސްގެ ދިވެހި މުވައްޒަފުން ތިން ދުވަސް މަތީން ހިންގި ހަޅުތާލާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 19 މީހުން އެއްބަސްވުމެއްގެ ދަށުން "ވަޒީފާ އިން ވަކިވެފައިވާ" ކަމަށް އޭގެ ތެރެއިން ބައެއް މީހުން ބުނެފި އެވެ.
އެ 19 މީހުންގެ ތެރޭގައި ހިމެނޭ ބައެއް މީހުން، އެ މީހުންގެ ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރޭ ބުނީ، ޔުނިވަސަލް އާއި އެ ފަރާތްތަކާ ދެމެދު އެއްބަސްވި ގޮތުން "އެއްބަސްވުމުގައި ސޮއިކުރުމާ އެކު މުވައްޒަފު އަމިއްލަ އިހުތިޔާރުގައި ޔުނިވަސަލްގެ ވަޒީފާ އިން ވަކިވުމަށް ހުށަހެޅުނީ" ކަމަށެވެ.
މިދިޔަ މަހު 21 އިން 23 އަށް ކުރުނބާ މޯލްޑިވްސްގައި ހިންގި ހަޅުތާލާ ގުޅިގެން، އެ ހަޅުތާލުގައި އިސްކޮށް އުޅުނު 19 މީހުން ފުލުހުން ހައްޔަރުކޮށް، ދޫނިދޫ ޖަލަށް ގެންދިޔައީ އަދި އޭގެ ފަހުން ފަސް ދުވަހަށް "މާލޭ ބަންދަށް" ބަދަލުކުރީ ހަޅުތާލުގައި ރަށުގެ އެއްޗިއްސަށް ގެއްލުންދީ މީހުންނަށް ބިރުދެއްކި ކަމުގެ ތުހުމަތުގަ އެވެ.
ސަން އެފްއެމް އޮންލައިނަށް މައުލޫމާތު ދިން މީހާ ބުނީ، އެ މީހުންގެ ހައްގުތައް ދޫކޮށް، ވަޒީފާ އިން ވަކިވާން އެއްބަސްވީ ޔުނިވަސަލް އިން ވެސް އެ މީހުންގެ މައްޗަށް ދައުވާ ނުއުފުލުމަށް އެއްބަސްވުމުންނާއި އަދި އެ ހަރަކާތުގައި އިސްކޮށް އުޅުނު މީހުން އެގޮތަށް ބޭނުންވުމުން ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުން، ސޮއި ކުރުމަށް ފަހު އެއްވެސް ފަރާތެއްގެ ކުށެއް ނުވަތަ އިހުމާލެއް އޮތް ކަމަށް ނުބެލޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ހަޅުތާލަށް ފަހު "ވަޒީފާ އިން އަމިއްލަ އަށް ވަކިވި" މީހުންގެ ތެރޭގައި ކުރުނބާގައި 15 އަހަރާއި 20 އަހަރު ދުވަހު ވަޒީފާ އަދާކޮށްފައިވާ ބައެއް މީހުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ދެ ފަރާތުންވި އެއްބަސްވުމުގައި، "ހަޅުތާލު ހިނގި ވަގުތު މާރާމާރީ އާއި ޣައިރު ގާނޫނީ އެއްވުމާއި ފުރާނަ އަށް ގެއްލުން ދޭނެ ކަމުގެ ... އިންޒާރު ދިނުމާއި މުދަލަށް ގެއްލުން ދިނުން ފަދަ ޖިނާއީ ކުށުގެ އަމަލުތަކެއް ބައެއް މުވައްޒަފުން ރިސޯޓްގައި ހިންގާފައިވާ" ކަމަށް އެ މީހުން އެއްބަސްވި ކަމަށް ވެސް އޭނާ ބުންޏެވެ.
އެއްބަސްވުމާ ހަވާލާދީ އޭނާ ބުނީ، އެ އެއްބަސްވުމުގައި ދެ ފަރާތުގެ ހައްގުތަކެއްވާ ކަމަށް ދެ ފަރާތުން ވެސް ގަބޫލު ކުރާ ކަމަށާއި ނަމަވެސް މައްސަލަ އަށް ހައްލެއް ހޯދުމުގައި ދެ ފަރާތުން ވެސް ދޫދިނުންތަކެއް ދޭން ޖެހޭނެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް މުވައްޒަފު ކުރިން އަދާކުރަމުން ދިޔަ "ވަޒީފާ އަށް ރުޖޫއަވުމަކީ ހާލަތު ތަންދޭ ކަމެއް ނޫން" ކަމަށް އެއްބަސްވުމުގައިވާ ކަމަށެވެ.
އެއްބަސްވުމުގައިވާ ގޮތުން "ވަޒީފާ އިން ވަކިވުމަށް ހުށަހެޅުމުން" މިދިޔަ މަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތް ޔުނިވަސަލް އިން އެ މީހުންނަށް ދޭން ޖެހެ އެވެ.
ޔުނިވަސާލްގެ ޑެޕިއުޓީ މެނޭޖަރު، ހިއުމަން ރިސޯސަސް، މުހަންމަދު ރިޒާ މިއަދު ވިދާޅުވީ، ކުރުނބާ މޯލްޑިވްސްގެ ހަޅުތާލާ ގުޅިގެން އެއްވެސް މުވައްޒަފަކު ރިސޯޓުން ވަކިނުކުރައްވާ ކަމަށާއި ނަމަވެސް އެ ބަޔަކު އަމިއްލަ އަށް ވަކިވުމަކީ އެބައެއްގެ ކަމެއް ކަމަށެވެ.
ހަޅުތާލާ ގުޅިގެން ފުލުހުން ހައްޔަރު ކުރި 19 މީހުންނަކީ ޔުނިވަސަލްގެ ވަޒީފައިގައި ތިބި ބައެއްތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެކަން ޖެހޭނީ "ބަލައިލަން" ކަމަށެވެ.