ބޯޑާ ކޮންޓްރޯލް ސިސްޓަމް ހުއްޓާލާފައި ބޭއްވުމަށް ކުރި އަމުރު ބާތިލު ކުރަން ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރާ ގުޅިގެން ގާނޫނީ ހުސްކަމެއް އައިސްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭސީސީ އިން ކޮރަޕްޝަންގެ ތުހުމަތުތައް ވަރަށް ބޮޑަށް ކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް ނެރެފައިވާ ވަގުތީ އަމުރުން ބާތިލުކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ނެރެފައިވާ ހުކުމުގައި ބުނަނީ އިދާރާއަކުން ކުރާ ކަމެއް ހުއްޓާލުމަށް އެންގުމުގެ ގާނޫނީ ބާރު އޭސީސީ އަށް ލިބިގެން ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ލުތުފީ ވިދާޅުވީ އެ ހުކުމުގެ ސަބަބުން ކިތަންމެ ބޮޑު ކޮރަޕްޝަނެއް ހިނގަމުން ދިޔަ ނަމަވެސް އެކަމެއް ހުއްޓުވުމުގެ ބާރު އޭސީސީ އަށް މިއަދު ނެތް ކަމަށާއި އެ ކޮމިޝަންގެ "އަތާއި ފައި ވަނީ ބަނދެވިފައި" ކަމަށެވެ. އަދި ލުތުފީ ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުގައި ހުއްޓުވާފައި ހުރި އެތައް މިލިއަން ރުފިޔާގެ މައްސަލަތަކެއް އަލުން ހިނގައިގަތުމުގެ ބިރުބޮޑުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ޕެރަލައިޒްވެފައި. އަޅުގަނޑުމެންނަށް މިއަދު ކުރެވޭނެ އެއްވެސް ކަމެއް ނެތް. ގާނޫނީ ނިޒާމު އޮންނަ ގޮތުން ސުޕްރީމް ކޯޓަކީ ފަހުގެ މަރުހަލާ. އެހެންވެ އަޅުގަނޑުމެން އެ ހުކުމަށް އިހުތިރާމްކުރަން، ނަމަވެސް އެއާ އެކު މިވަނީ ގާނޫނީ ހުސްކަމެއް އައިސްފައި. ކިތަންމެ ބޮޑު ކޮރަޕްޝަނެއް ހިނގަމުން ދިޔަ ނަމަވެސް މި ކޮމިޝަނަށް ދެން އެކަމެއް ނުހުއްޓުވޭނެ. އަޅުގަނޑުމެން އެގޮތަށް ހުއްޓުވައިފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ މައްސަލަތައް ހިނގައި ގަތުމުގެ ދޮރު މި ހުޅުވުނީ،" ލުތުފީ ވިދާޅުވި އެވެ. "ދައުލަގެ ބަޖެޓުން ކިތަންމެ ބައިވަރު ލާރިއެއް ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދިޔައަސް ކިހިނެތްތޯ ހުއްޓުވާނީ؟، ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ބަޖެޓުގެ ހާލަތާއި އެއްޗިހި އޮތްގޮތް،"

އޭނާ ވިދާޅުވީ އެ ކޮމިޝަނަކީ ހަމައެކަނި ތަހުގީގީ މުއައްސަސާއެއް ކަމަށާއި ކޮރަޕްޝަންގެ ސީރިއަސް މައްސަލަތައް ހުއްޓުވަން އެ ކޮމިޝަނަށް ގިނަ ބާރުތަކެއް ލިބެން ޖެހޭ ކަމަށެވެ. ކޮރަޕްޝަން ހުއްޓުވުމަށް މީގެ ކުރި އުފެއްދި މުއައްސަސާތައް ވެސް އުފައްދާފައި ގާނޫނީ ބޮޑަތި ބާރުތަކާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮރަޕްޝަން ހުއްޓުވުމަށް އަޅުގަނޑުމެންނަށް މިއަދު ކުރެވޭނެ ކަމެއް ނެތް. އަޅުގަނޑުމެންގެ އަތްފައި ބަދެވިފައި މިތިބީ. މިވަރުން ވެސް ކޮރަޕްޝަން ހުއްޓުވަން އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް ކުރާނަން،" ލުތުފީ ވިދާޅުވި އެވެ.

އެ ހުކުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އެ ކޮމިޝަނަށް ގުޅައި ބައްދަލުކޮށް ވެސް ހެދި ކަމަށާއި އެ ހުރިހާ ބައްދަލުވުންތަކުން ވެސް ފެނުނު ހައްލަކީ އެ ކޮމިޝަންގެ ގާނޫނަށް ބައެއް ބަދަލުތައް ގެނައުން ކަމަށް ލުތުފީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ކޮމިޝަނަށް މިހާރު ގެއްލިފައިވާ ބާރުތައް އަލުން ލިބޭނޭ ގޮތަކަށް ގާނޫނަށް އިސްލާހު ގެންނަން މިހާރު ނިންމާފައިވާ ކަމަށެވެ.

"އެ އިސްލާހުތައް މަޖިލިސް ހުޅުވުނުހާ އަވަހަކަށް އަޅުގަނޑުމެން ފޮނުވާނަން. އަޅުގަނޑުމެން މި ބަލަނީ ސިންގަޕޫރު ހޮންކޮންގް ފަދަ ގައުމުތަކުގެ އޮންނަ ފަދަ ގޮތަކަށް ދެން ގާނޫނަށް އިސްލާހު ހުށަހަޅަން. އެއީ އަޅުގަނޑުމެންނަށް މި ބާރުތައް ލިބިގެން މަސައްކަތް ކުރެވެން އަންނަނީ،" ލުތުފީ ވިދާޅުވި އެވެ.

ސުޕްރީމްކޯޓުން އިއްޔެ ނެރުނު ހުކުމުގެ ދަށުން ޕަބްލިކް ލޯގެ ދާއިރާގައި ހިމެނޭ އެއްވެސް އިދާރީ އެންގުމެއް ނުވަތަ އަމުރެއް ކުރުމުގެ ބާރު އޭސީސީ އަށް ލިބިގެނެއް ނުވެ އެވެ. އަދި އެ ކޮމިޝަނަށް ގާނޫނުން ލިބިގެންވާ ހަމައެކަނި ބާރަކީ ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތައްތަކުގެ ތެރެއިން ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ ކަންތައްތައް ތަހުގީގު ކުރުމާއި އެ ތަހުގީގު ފުރިހަމަ ކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންކަން ކުރުމުގެ ބާރެވެ.

އޭސީސީގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ޖިނާއީ ތަހުގީގެއް އެއްްވެސް މައްސަލައަކާ ގުޅިގެން ކުރާ ނަމަ ޖިނާއީ އިޖުރާއަތަށާއި އެ އިޖުރާއަތުގެ އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށާއި އެގޮތުން ޖިނާއީ ތުހުމަތުތަކާ ގުޅިގެން ހޯދަން ޖެހޭ ކޯޓު އަމުރުތައް ހޯދަން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ޖިނާއީ މައްސަލަތައް ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކޯޓަކުން ކަމަށް ވެސް ހުކުމުގައިވެ އެވެ.

މީގެ އިތުރުން ދެ ފަރާތެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ބާތިލުކުރުން ފަދަ ފިޔަވަޅުތައް ވެސް އަޅަން ވާނީ ޖިނާއީ އިޖުރާއަތުގެ ތެރެއިން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.