ސ. ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ތިބި ގައިދީންތަކެއް ޝަވަޖެލް ބޮއެގެން ހާލު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް، ސަބް އިންސްޕެކްޓާ ހަސަން ހަނީފު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ސަވާޖެލްބޮއެގެން މިހާރު ފަރުވާދެމުން ދަނީ ހަ މީހަކަށް ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރާވާދެމުން ދަނީ މަރަދޫ ސިއްހީ މަރުކަޒުގަ އެވެ. ބާކީ ތިބި ހަތަރު މީހުންނަށް ފަރުވާދެމުން އަންނަނީ ހިތަދޫ ސިއްހީ މަރުކަޒުންނެވެ.

"އޭގެ ތެރޭގައި ހާލު ސީރިއަސް ޕޭޝަންޓެއް ނެތް، އަދިވެސް އެދަނީ އެމީހުންނަށް ފަރުވާދެމުން،" ހަނީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ހަވީރު 4:30 އެހާއިރު އެ މީހުން ޝަވަ ޖެލް ބޮއެފައިވަނީ ފެންވަރަން ބޭނުންވެގެން ސަވާޖެލް ދިނުމުން އެ ފުޅިތައް ފޮރުވައިގެން ކަމަށެވެ. އެ މީހުންނަކީ މަރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވިފައިވާ ބައެއް ކަމަށްވެސް ހަނީފު ވިދާޅުވި އެވެ.

"އެ އެންމެގެވެސް މަތުވާތަކެތި އަދި މާރާމާރީގެ ރެކޯޑް އޮވޭ، އެ މީހުން ބޮއެފައި މި ވަނީ ފެންވަރަށް ދިން ޝަވަ ޖެލް ފުޅިތައް ފޮރުވައިގެން އެމީހުން ބަންދުކޮށްފައި ތިބި ގޮޅިއަށް ގެނެސްގެން،" ހަނީފު ވިދާޅުވި އެވެ. "މި މައްސަލަ މިދަނީ އިތުރަށް ބަލަމުން."