03 Sep 2012, 18:35
ކ. ތިލަފުށީގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންގެ ތެރެއިން މިހާތަނަށް އަތުލައިގަތް ބިދޭސީންގެ ވިސާފީގެ ގޮތުގައި 254،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމިކްރޭޝަން ކޮންޓްރޯލާ މުހައްމަދު އަލީ މިއަދު ވިދާޅުވީ ތިލަފުށިން އަތުލައިގަތް 134 ބިދޭސީންގެ ވިސާފީގެ ގޮތުގައި 254،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި އަދިވެސް އެތައް ބިދޭސީންނެއް ވިސާ ފީ ނުދައްކާ ތިބޭނެ ކަމަށެވެ.
"ތިލަފުއްޓަށް ޚާއްސަކޮށްގެން ހިންގާ އޮޕަރޭޝަންގެ ދަށުން މިމަހުގެ އެއްވަނަދުވަހު އިމިގްރޭޝަނުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މިހާރު ވަނީ ފަށާފަ. އެގޮތުން އެދުވަހު ނެގި 134 މީހުންގެ ތެރެއިން ގިނަ މީހުންތައް އަދިވެސް މިދަނީ ޕްރޮސެސް ކުރެވެމުން. މީގެ މިސާލެއް ދަންނަވާލާނަން މިހާތަނަށް ގެނުނު މީހުންގެ ތެރެއިން ވިސާ ފީގެ ގޮތުގައި 254،000 ރުފިޔާ ވަނީ ލިބިފަ،" މުހައްމަދު އަލީ ވިދާޅުވި އެވެ.
ކޮންޓްރޯލާ ވިދާޅުވީ ތިލަފުށީގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން އަތުލައިގަތުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ކަސްޓަމާއި ތިލަފުށީ ކޯޕަރޭޝަން ގުޅިގެން މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.
ކޮންޓްރޯލާ މުހައްމަދު އަލީ ވިދާޅުވީ ކުރިއަށް އޮތްތާގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަށް ތިލަފުއްޓަށް ނޭރޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން ކާކުކަން ނޭނގޭ ބިދޭސީންނަށް ތިލަފުށީ ފެރީގައި ދަތުރު ނުކުރެވޭ ގޮތަށް މިހާރު ހަމަޖައްސަވާފައިވާކަމަށެވެ.
ކޮންޓްރޯލާ ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންގެ ތެރެއިން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 71 މީހަކު ޑީޕޯޓު ކޮށްފައިވާއިރު އަމިއްލައަށް އެދިގެން ގަވާއިދާއި ޚިލާފަށް އުޅުނު 2016 ބިދޭސީއަކު ގައުމަށް ފޮނުވާލެބިފައިވާކަމަށެވެ.
"މިއަހަރުގެ ޖޫން މަހުގެ 19 އާއި ހަމަޔަށް 71 މީހަކު ވަނީ އެކި ކަންތައް ތަކުގައި ބަންދުކުރެވިގެން ޑީޕޯޓު ކޮށްފަ. ދެން އަމިއްލަ އަށް ބޭނުންވެގެން ރަށަށް ދާން ބޭނުންވާ ބިދޭސީންގެ ތެރެއިން 2016 މީހަކު ވަނީ ރަށަށް ފޮނުވިފައި،" މުހައްމަދު އަލީ ވިދާޅުވި އެވެ.
ކޮންޓްރޯލަރު ވިދާޅުވީ މިހާތަނަށް ވިސާ ފީގެ ގޮތުގައި ލިބިފައި ވަނީ 74 މިލިއަން ރުފިޔާ ކަމަށާއި އެއީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އިތުރު ވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ. އަދި ވީސާފީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކޮންޓްރޯލާ ވިދާޅުވި އެވެ.