03 Sep 2012, 17:24
މެލޭޝިޔާގެ ނެކްސް ބިޒު ރާއްޖޭގައި ގާއިމް ކުރާ ބޯޑާ ކޮންޓްރޯލް ސިސްޓަމުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ވަރަށް އަވަހަށް ފެށޭނެ ކަމަށާއި ދެން އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ މުހައްމަދު އަލީ މިއަދު ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލަން އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން މީގެކުރިންވެސް އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ކޮންޓްރޯލާ ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އެ މަސައްކަތް ކޮށް ނިމެން ކައިރިވެފަ ހުއްޓާ އެ މަސައްކަތް ހުއްޓާލަން ހައިކޯޓުން އަމުރުކުރި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް އެ ޕްރޮޖެކްޓްގެ މަސައްކަތް އޮތީ ހުއްޓިފައިކަމަށެވެ. ނަމަވެސް އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ މަސައްކަތް ދެން ނުހުއްޓުވޭނެ ކަމަށް ވެސް ކޮންޓްރޯލާ މުހައްމަދު އަލީ ވިދާޅުވި އެވެ.
ކޮންޓްރޯލާ ވިދާޅުވީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ "ކުޑަކުޑަ ކަންތައްތަކެއް ފިޔަވާ" އެހެން ހުރިހާ ކަންތައް މިހާރު ވަނީ ނިމިފައި ކަމަށެވެ. އެހެން ކަމުން އެ މަސައްކަތްތައް ނިމި ވަރަށް އަވަހަށް އެ ސިސްޓަމްގެ ޚިދުމަތް ދެވެން ފެށޭނެ ކަމަށް ވެސް ކޮންޓްރޯލާ ވިދާޅުވިި އެވެ. އަދި މި ހަފްތާ ބަންދުގެ ތެރޭގައި ނެކްސް ބިޒުގެ ޓީމެއް ވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކޮންޓްރޯލާ ވިދާޅުވި އެވެ.
"މިހާރު އެބޭފުޅުންގެ [ނެކްސްބިޒްގެ] އިންޑިކޭޝަނެއް ލިބިއްޖެ އެބޭފުޅުން ވަޑައިގަންނަވާނެ ކަމަށް މި ހަފްތާ ނިމޭ ހިސާބަށް. ވަރަށް ކުޑަކުޑަ ކަންތައްތަކެއް ފިޔަވާ އެހެން ހުރިހާ ކަންތައްތަކެއް އެހެރީ އިންސްޓޯލް ވެފައި. އެހެންވީމަ އެ ސިސްޓަމުން ޚިދުމަތް ދިނުމަށް ވަރަށް އަވަހަށް ފެށޭނެ ކަމަށް މި ބަލަނީ،" މުހައްމަދު އަލީ ވިދާޅުވި އެވެ.
ކޮންޓްރޯލާ ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ސަބަބުން ގިނަވަގުތު ކިޔުގައި ހުންނަން ޖެހުނު ކަމަށް ވިޔަސް އަލަށް ގާއިމް ކުރެވޭ ސިސްޓަމްގެ ސަބަބުން އެކަން ވެސް ހައްލު ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކޮންޓްރޯލާ ވިދާޅުވީ ރާއްޖެ އިން ޑީޕޯޓު ކޮށްފައި ތިބޭ ބިދޭސީން ތަފާތު އެކި ނަންނަމުގަ އާއި އެކި އެކި ޕާސްޕޯޓުގައި ވެސް ރާއްޖެ އެތެރެވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށާއި ނެކްސް ބިޒުން ގާއިމް ކުރާ ސިސްޓަމް ގާއިމް ކުރުމުން އެކަންތައް ވެސް މުޅިން ހައްލު ކުރެވޭނެ ކަމަށެވެ.
"މި ސިސްޓަމް ގާއިމް ކޮށް ޚިދުމަތް ދޭން ފެށުމުން ޑީޕޯޓު ކޮށްފަ ހުރިމީހާ އަށް ދެނެއް ލާހިކައެއް ނޫން ރާއްޖެ އެތެރެވާކަށް،" މުހައްމަދު އަލީ ވިދާޅުވި އެވެ.