03 Sep 2012, 16:43
ރާއްޖޭގެ މީޑިއާތަކަށް ހުރި ގޮންޖެހުންތަކާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެމްސީގެ މެމްބަރު އަދި އެކޮމިޝަންގެ ޕަބްލިކް ރިލޭޝަން ކޮމިޓީގެ މުގައްރިރު މިދުހަތު އާދަމް މިއަދު ވިދާޅުވީ މިބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިމަހުގެ އަށް ވަނަ ދުވަހު މެންދުރު ފަހު 3:30 އިން 6:30 އަށް ކަމަށާއި މިމަޝްވަރާތައް ކުރިއަށް ދާނީ ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކުގެ އިސް ބޭފުޅުން ބައިވެރިކޮށްގެން ކަމަށެވެ.
މީޑިއާ ކައުންސިލުން ބާއްވާ މިމަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ މީޑިއާ ކައުންސިލާ މީޑިއާތަކުގައި ހުރި ކަންބޮޑުވުންތަކާ މީޑިއާތަކަށް ހުރި ގޮންޖެހުންތަކާ މީޑިއާ ކައުންސިލްގެ ދައުރާ ބެހޭ ގޮތުން އެކައުންސިލުން މީޑިއާ ތަކަށް ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ ބެލުން ކަމަށް މިދުހަތު ވިދާޅުވި އެވެ. އަދި މިބައްދަލުވުމުގެ މަޝްވަރާތަކަށް ފަހު މީޑިއާތަކުގެ ހުށަހެޅުންތައް ބަލައިގަތުންވެސް އޮންނާނާ ކަމަށް ވެސް އެކައުންސިލުން ބުންޏެވެ.
" މީޑިއާ ކައުންސިލުން ބާއްވާ މަޝްވަރާ ބައްދަލުވުމުގައި މީޑިއާތަކުގެ ޝަކުވާތަކާ މީޑިއާތަކަށް ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވޭނެ، އަދި ކައުންސިލްގެ ޓްރޭނިންގ ޕްރޮގްރާމްތައް ބާއްވާނެ ގޮތްތަކާ ކައުންސިލްގެ ދައުރާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެ،" މިދުހަތު ވިދާޅުވި އެވެ.
އެމްއެމްސީގެ ފަރާތުން މީޑިއާތަކާ އެކު ބާއްވާ މިބައްދަލުވުމުގައި ބައިވެރިވުމަށް މީޑިއާތަކަށް ވަނީ ދައުވަތު ދީފަ އެވެ.