ޕިޝާވަރު (ސެޕްޓެމްބަރ 3) : ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޕިޝާވަރުގައި އަމިއްލައަށް މަރުވެގެން މިއަދު މީހަކު ދިން ޙަމަލާއެއްގައި ފަސްމީހަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވެއްޖެވެ.

މިއަދުގެ މެންދުރެއްހާއިރު ދިން މިޙަމަލާގައި މަރުވި ފަސްމީހުންގެ ތެރެއިން ހަތަރު މީހުންނަކީ އާންމުން ކަމަށާއި އަނެއްމީހާއަކީ މިޙަމަލާދިނުމަށްޓަކައި އަމިއްލައަށް މަރުވި މީހާ ކަމަށް ބެލެވޭ ކަމަށް ޕާކިސްތާނުގެ އަމްނާބެހޭ ދާއިރާތަކުން ބުނެއެވެ. ނަމަވެސް މަރުވި ޢާންމުންގެ ތެރެއިން އެކަކީ އެމެރިކާ މީހަކަށް ވެދާނެ ކަމަށްވަނީ ޝައްކުކުރެވިފައެވެ. މިގޮތަށް ޝައްކު ކުރެވިފައިވަނީ މިޙަމަލާގައި މީހުން މަރުވި ތަނުން އެމެރިކާގެ މީހެއްގެ ޕާސްޕޯޓްގެ އަނދާފައިވާ ބައެއް ފެނިފައިވާތީއެވެ. މިޙަމަލާގައި މަރުވި މީހުންގެ ހަށިތައްވަނީ ވަރަށްބޮޑަށް ހަލާކުވެފަ އެވެ.

އަމިއްލައަށް މަރުވެގެންދިން މިޙަމަލާ އަމާޒުކޮށްފައިވަނީ ޕިޝާވަރުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓްގެ ކާރަކަށް ކަމަށް ޕާކިސްތާނުގެ އަމްނާބެހޭ ދާއިރާތަކުން ބުނެފައިވާއިރު އިސްލާމް އާބާދުގައި ހުންނަ އެމެރިކާގެ އެންބަސީންވެސްވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މިޙަމަލާގައި އެމެރިކާ ދެމީހުންނާއި އެމެރިކާގެ ކޮންސިއުލޭޓްގައި މަސައްކަތްކުރާ ޕާކިސްތާނުގެ ދެމީހަކު ޒަޚަމްވެފައިވާތީ އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށް ޚަބަރު ލިބެ އެވެ.

މިޙާދިސާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއްނުވެއެވެ. ނަމަވެސް މިއީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުންގެ ޙަމަލާއަކަށްވެދާނެ ކަމަށް އެޤައުމުގެ ފުލުހުން ބުނެއެވެ. ޕިޝާވަރަކީ ޕާކިސްތާނުގެ ޤަބީލާތަކުގެ ވެރިކަންއޮންނަ ސަރަޙައްދާ ވަރަށް ގާތުގައިވާ ރަށެކެވެ. ޤަބީލާތަކުގެ ސަރަޙައްދަކީ ޕާކިސްތާން ސަރުކާރުގެ ބާރު އޮންނަ ސަރަޙައްދެއްނޫނެވެ. މިސަރަޙައްދުގެ ކޮންޓްރޯލް އޮންނަނީ ޤަބީލާތަކުގެ ވެރިންނަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްމަތީގަ އެވެ. (އެސޯސިއޭޓެޑް ޕްރެސް)