ފުލުހުން ބަލަމުން ގެންދާ ތަފާތު ދެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާޝަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ މޫސަ ފުލުހުންގެ އިދާރާއަށް މާދަމާ 4 ޖަހާއިރު ހާޒިރުވުމަށް މިއަދު މެންދުރު 1 ޖަހާއެހާކަންހާއިރު ޗިޓް ފޮނުވާފައިވަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޔުނިޓުން ބަލަމުން ގެންދާ ތަފާތު ދެ މައްސަލައަކާ ގުޅިގެން މޫސައާ ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

ހަނީފު ވިދާޅުވީ އޭގެތެރެއިން އެއް މައްސަލައަކީ ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި އެއްވުމެއްގައި ރައްޔިތުންގެ ކޯޓުގެ ނަމުގައި ކޯޓެއް ހެދި މައްސަލައެ އެވެ. ދެވަނަ މައްސަލައެއްގެ ގޮތުގައި ހުށަހަޅައިފައިވަނީ ކޯޓުތަކުގެ ހުރުމަތް މޫސަ ކަނޑާލެއްވި ކަމުގެ ތުހުމަތުގައި ހުށަހަޅާފައިވާ މައްސަލައެކެވެ.

"ފުލުހުންގެ އިދާރާއިން ފޮނުވި އެޗިޓާ މޫސަ ވަނީ ހަވާލުވެލައްވައިފައި، ކޯޓުތައް ހެދި މައްސަލައާއި ކޯޓުތަކުގެ ހުރުމަތް ކަނޑާލި ކަމުގެ ތަފާތު ދެ މައްސަލައަކާ ގުޅިގެން މޫސަ ހާޒިރު ކުރަނީ،" ހަނީފު ވިދާޅުވި އެވެ.

ރީކޯ މޫސަގެ ބަހެއް ހޯދާލުމަށް ސަން އިން ގުޅާލުމުން މޫސަ އިންނެވީ ޖަލްސާއެއް ކަމަށް ވިދާޅުވުމުން މޫސަގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ފުލުހުންގެ އިދާރާއަށް މޫސަ ހާޒިރުކުރަނީ ބިރުދެއްކުމަށް ކަމަށް ބައެއް މީޑިއާތަކުގައި މޫސައާ ހަވާލާދީ ވަނީ ބުނެފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މޫސަ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ހުށަހަޅައިފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އަދި ދެވަނަ މައްސަލަ ހުށަހަޅައިފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވައި ފަޑިޔާރެކެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު އެމްޑީޕީގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް މިހާތަނަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ.