މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެތެރޭ 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކު ބަލިވެ އިނދެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީން އޭޕްރީލް މަހުގެ ނިޔަލަށް 16 އަހަރުގެ ހަތަރު ކުއްޖަކު ވަނީ ބަލިވެ އިނދެފަ އެވެ. ހަތަރު ކުއްޖަކު ބަލިވގެ އިނދެފައިވާއިރު މިދިޔަ އޮގަސްޓް މަހުތެރޭ ގެސްޓުހައުސްއެއްގެ ތެރޭ އެކަނި އޮއްވައި ފެނުނު ހަ މަހުގެ ތުއްތު އަންހެން ކުއްޖާގެ މަންމައަކީ 13 އަހަރުގެ ކުއްޖެކެވެ. ޖެންޑާއިން ދަނީ އެ މައްސަލަ މިހާރު ވެސް ބަލަމުންނެވެ.

ވޭތުވެދިޔަ ހަތަރު މަސްތެރޭ އުޅުން ގޯސްވި ހަތަރު އަންހެން ކުއްޖެއްގެ މައްސަލަ ޖެންޑާއަށް ހުށަހަޅާފައި ވާއިރު އެކުދިންގެ އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 13 އަހަރެވެ. އެ ހިސާބުތަކުން އެނގޭގޮތުން ގޮތުން 89 އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކުރި މައްސަލައާއި ޖިސްމާނީ ހާނިއްކަ ކުރި 21 ކުއްޖެގެ މައްސަލަ ހުށަހަޅާފައި ވެއެވެ. އަދި ނަފްސާނީ ހާނިއްކަ ކޮށްގެން ހަތް ކުއްޖެއްގެ މައްސަލައާއި 19 އަންހެން ކުއްޖަކަށް އިހުމާލުވި މައްސަލައެއް ވަނީ ފުރަތަމަ ހަތަރުމަސްދުވަހު ހުށަހަޅައިފަ އެވެ.

ޖެންޑާމިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓާ ޑރ. އައިޝަތު ރަމީލާ ވިދާޅުވީ ވިލާމާލެގައި ހުރި "ވިމެން ޝެލްޓާ"ގެ ހިމާޔަތަށް މިހާރުން މިހާރަށް ގެންދަންޖެހޭ 18 އަހަރުން ދަށުގެ ހަ ކުއްޖަކު އެބަތިބި ކަމަށެވެ. އޭގެތެރެއިން ދެ ކުއްޖަކު އަތޮޅުތަކުގައި ބަލަހައްޓަމުން ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ. ރަމީލާ ވިދާޅުވީ 18 އަހަރުން ދަށުގެ ކުދިންގެ އިތުރުން ގެވެށިއަނިޔާގެ ގާނޫނުން ހިމާޔަތް ލިބެންޖެހޭނެ ކަމަށް ބުނާ އަންހެނުންނަށް ވެސް ޝެލްޓާގެ ހިމާޔަތް ލިބޭނެ ކަމަށެވެ.

"މިހާރު ދައުލަތުން ބަލަމުންގެންދާ އަންހެން ކުދިން ވެސް އެބަތިބި ޝެލްޓާއަށް ގެންދަންޖެހޭ. ކުޑަކުދިންގެ ހިޔާއަކީ އެއް އަހަރާ ނުވަ އަހަރާ ދެމެދުގެ ކުދިން ބަލަހައްޓާ ތަނެއް. މިހާރު އެތާންގައި ވެސް އެބަތިބި ނުވަ އަހަރުން މަތީގެ ކުދިން. ޝެލްޓާ ހުޅުވުމުން އެކުދިންދާނީ ޝެލްޓާ އަށް،" ރަމީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިމެން ޝެލްޓާއަކީ ވަގުތީ ގޮތުން ހިމާޔަތް ބޭނުންވާ ފަރާތްތަކަށް ހިމާޔަތް ދިނުމަށް ހަދާ ތަނެއް ކަމަށެވެ. މިދިޔަ މަހު ޖެންޑާމިނިސްޓްރީން ހަވާލުވި ވިމެން ޝެލްޓާގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަށްފަހު ޚިދުމަތް ދޭންފަށާނެ ކަމަށް ޖެންޑާއިން ބުނެ އެވެ.