މިހާރުގެ ހާލަތު އޮތްގޮތުން ސަރުކާރުގައި އެމްޑީޕީ ބައިވެރިކުރުމާ މެދު އަދި މަޝްވަރާކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން މިއަދު ވިދާޅުވީ ޑރ. ވަހީދުގެ ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ބައިވެރިވުން ހިމެނުމަށް މީގެ ކުރިން ރައީސް ޑރ. ވަހީދު މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަމަށް އެމްޑީޕީން ދެކޮޅުހަދާފައިވާ ކަމަށެވެ.

"މިހާ ހިސާބަށް ކަންތައްތައް ގޮސްފައި އޮތީމާ އަހަރުމެން ވެސް މި ނިންމީ މިކަމުގައި މަޝްވަރާކޮށްފައި ގޮތެއް ނިންމަން. އެއީ ފުރަތަމަ ރައީސް ވަހީދު ކެބިނެޓް އެކުލަވާލެއްވި އިރު ޔުނިޓީ ގަވަރުމަންޓެއް ހަދަން ދެތިން ޖާގައެއް ދެއްވީ، ފުރަތަމަ ބުނި ޝައުގުވެރިކަން ވެސް ހުރި ކަމަށް. އެކަމަކު ފަހުން އެކަން ވެސް ދޫކޮށްލީ. އެހެންވީމާ އެކަން އޮންނާނީ މީޑިޔާތަކުގައި ވެސް ކެރީކޮށްފައި،]ލިޔެފައި[ އަޅުގަނޑުމެންނަށް އެޑްވައިޒްދިން ފަރާތްކަށް ވެސް އޮންނާނީ އެކަން އެނގިފައި. ދެން އަނެއްކާ މިހާރު މިއޮތީ ހާލަތުބަދަލުވެފައި،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާލަތުގެ ގޮތުން ވެސް ރައީސް ވަހީދު އެމްޑީޕީ އަށް ސަރުކާރުގައި ބައިވެރިވުމަށް ދައުވަތު ދިނުމަކީ ވެސް ދުރުގައިވާ ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަން ކުރައްވާނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރައްވާފައި ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ޕާޓީތަކާ އެކު މަޝްވަރާކުރައްވާފައި ޕާޓީތަކުގެ ނިންމުމަށް ކަމަށް އަޅުގަނޑަށް މި ބެލެވެނީ ރައީސް ވެސް ނިންމަވާނީ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި ޕީޕީއެމް އިން ގޮތެއް ނިންމުމަށް ބާއްވާ ކައުންސިލު ބައްދަލުވުން މިރޭ އޮންނާނެ ކަމަށާއި އެ ބައްދަލުވުމުން އެމްޑީޕީ އަށް ފުރުސަތު ދިނުމާމެދު ގޮތްތަކެއް ނިންމާނޭ ކަމަށެވެ. ސަރުކާރުގައި ހިމެނޭ ބައެއް މިނިސްޓަރުން ވެސް ވަނީ އެމްޑީޕީ އަށް ސަރުކާރުން ޖާގަ ދިނުމަކީ ފެންނަކަމެއް ނޫން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ ސަރުކާރުގެ ތެރެއިން އެމްޑީޕީ އަށް ފުރުސަތެއް ލިބުމަކީ އެއްވެސް ހަމައަކުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ލީޑާޒް ޑައިލޮގުގައި ރައީސްގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވައި، ރައީސްގެ ޕޮލިޓިކަލް އެޑްވައިޒާ، އަހުމަދު ތައުފީގު (ޓޯޕީ) ވިދާޅުވީ އެމްޑީޕީގެ ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށާއި އެކަމުގައި ރައީސް ގޮތެއް ކަނޑައަޅުއްވާނީ ސިޔާސީޕާޓީތަކާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.