"އެމްއެންބީސީގެ އީދުގެ ހަދިޔާ"ގެ ނަމުގައި އެސްއެމްއެސްއެއް ފޮނުވާލައިގެން ތިން ކޮޓަރީގެ އެޕާޓްމެނެޓެއް ހޯދުމަށް، އެމްއެންބީސީގެ ޗެނަލް ވަން އިން ހުޅުވާލާފައިވާ ފުރުސަތަކީ ދީނީ ގޮތުން އެގޮތަށް ކުރެވިދާނެ ކަމެއްތޯ ބަލަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.


ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވީ "އެމްއެންބީސީ އީދު ހަދިޔާ"ގެ ގޮތުގައި ތިން ކޮޓަރީގެ އެޕާޕްޓްމަންޓެއް ހިލޭ ލިބޭ ކަމަށް ބުނެ ޓީވީން ދައްކަމުންދާ އިޝްތިހާރާ ބެހޭ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާތީ އެ އިޝްތިހާރާ މެދު ދީނީ ނަޒަރިއްޔާ އިން ވިސްނަވަމުން ގެންދަވާ ކަމަށެވެ.


އެމްއެންބީސީގެ އީދު ހަދިޔާގެ ނަމުގައި ތިން ކޮޓަރީގެ އެޕާޓްމެންޓެއް އެއް އަހަރު ދުވަހަށް ހިލޭ ލިބެނީ ހަމައެކެނި "އެމްއެންބީސީ" ޖެހުމަށް ފަހު 300 އަށް އެސްއެމްސް ކުރުމުންނެވެ. ހަދިޔާ ލިބެނީ އޭގެ ތެރެއިން ނެގޭ ގުރުއަތަކުންނެވެ. 


އެމްއެންބީސީން މި ހަދިޔާގެ އިޝްތިހާރު ދައްކަން ފެށުމުން މާލެ ތެރޭގައި އެއީ ލޮޓަރީއެއް ކަމަށާއި އެމްއެންބީސީގެ އެ ހަދިޔާ ހޯދުމުގެ އެސްއެމްސްގައި ބައިވެރިވުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ވާހަކަތަކެއް ވަނީ ފެތުރެން ފަށައިފަ އެވެ. ބައެއް މީހުން ބުނަނީ އެ ގޮތަށް ހަދިޔާ ދިނުމަކީ ލޮޓެރީ ކަމަށާއި އިސްލާމްދީނުގައި ލޮޓެރީ ހުއްދަ ނޫން ކަމަށެވެ. އަނެއްބައި މީހުން ބުނަނީ އެމްއެންބީސީން  އީދު ހަދިޔާ ދޭ ގޮތުގައި މައްސަލައެއް ނެތް ކަމަށެވެ.


ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެމްއެންބީސީ އީދު ހަދިޔާގެ މައުލޫމާތު ލިބިވަޑައިގަތުމުން އެކަމާމެދު  މިނިސްޓްރީން ގޮތެއް ކަނޑައަޅައި ހުކުމެއް އިއުލާނު ކުރެއްވުމުގެ ކުރިން ބައްލަވަން ޖެހޭ ކަންތައްތައް މިހާރު ބައްލަވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މީހުންނާއި ދިރިއުޅުމާ ގުޅިފައި ހުންނަ މިކަހަލަ ކަމެއްގައި އަވަސް އަވަހަށް ދީނީ ހުކުމެއް ނެރުމަކީ ރަނގަޅު ކަމަކަށް ނުވާނެތީ މިކަމުގައި އެންމެ ރަނގަޅު ހުކުމަކީ ކޮބައިތޯ ބެލުމަށް އިސްލާމިކް މިނިސްޓަރު، ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީއާ މިހާރު މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. މީގެ އިތުރުން "އެމްއެންބީސީ އިދު ހަދިޔާ" އާ ބެހޭ ގޮތުން  މިނިސްޓްރީން ހުކުމެއް ނެރުމުގެ ކުރިން އެ ހަދިޔާގެ ޕްރޮސެސް އެމްއެންބީސީން ކުރިޔަށް ގެންދާ ގޮތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް އެމްއެންބިސީއާ ވާހަކަތައް ދައްކަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.


އެމްއެންބީސީގެ އީދު ހަދިޔާ އެއީ ކޮން ގޮތަކަށް ކުރިއަށް ގެންދާ އެއްޗެއްތޯ ސާފުކުރުމަށް އެމްއެންބީސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ހަލީލަށް މިއަދު ގުޅި އިރު އޭނާގެ ފޯނުން ޖަބާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުފަ އެވެ.