03 Sep 2012, 14:23
އެމްބީއޭ ޗެމްޕިއަންޝިޕްގެ ގްރޫޕް ދޭއްގައި ޕޮލިސް ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ހަރިކޭން ބީސީއާ ވާދަކޮށް އެންމެ ދެ ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 75 ޕޮއިންޓް 73 ޕޮއިންޓުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބަށް 18 ޕޮއިންޓު ކާމިޔާބު ކޮށްދިން މުހައްމަދު ނާއިފް ރުސްދީއެވެ.
މިމުބާރާތުގައި ޕޮލިސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމް މޮޅުވީ ކުލަބް އީގަލްސްއާ ވާދަކޮށް 82 ޕޮއިންޓް 44 ޕޮއިންޓުންނެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި މިރޭ 9:00 ޖަހާ އިރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އެކެއްގެ ރެޑްލައިން ކުލަބާއި އެމްއެސް ހެލްފިން ހޭންޑެވެ.
މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕުގައި އަށް ޓީމު ވާދަކުރާ އިރު، ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. އެގޮތުން ގްރޫޕް އެކެއްގެ ފަޅިން ވާދަކުރާ ޓީމްތަކަކީ ދިވެހި ސިފައިންގެ ކްލަބާއި ރެޑްލައިން ކްލަބާއި އެލްކިއު ސްޕޯޓްސް އަދި އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އެވެ. އަދި ގްރޫޕް ދޭއްގައި ވާދަކުރަނީ ހަރިކޭން ބީސީ އާއި ޓީރެކްސް ބީސީ އާއި ޕޮލިސް ކްލަބް އަދި ކްލަބް އީގަލްސް އެވެ.
ކޮންމެ ގްރޫޕަކުން ވެސް ގަދަ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭއިރު ފައިނަލް މެޗު އޮންނާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.