03 Sep 2012, 14:00
ކ. ގުރައިދޫގައި ސަރުކާރުން ބަލަހައްޓަމުންދާ ފަރާތްތަކުގެ އާއިލާތަކުން އެމީހުންނާ ހަވާލުނުވާ ނަމަ ކޯޓު މެދުވެރިކޮށް އާއިލާތަކާ އެ މީހުން ހަވާލުކުރުމަށް ވިސްނަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އުމުރުން ދުވަސްވީ މީހުންނާއި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ވެސް ބަލަހައްޓަމުން އަންނަ ގުރައިދޫ މަރުކަޒާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން އަހުމަދު ގާސިމް ވިދާޅުވީ އެ މަރުކަޒުގައި އެވްރެޖުކޮށް 160 އާއި 170އާ ދެމެދުގެ އަދަދަކަށް މީހުން ބަލަހައްޓަމުން އަންނަ ކަމަށެވެ. އަދި މަރުކަޒުން ފަރުވާ ދިނުމަށް ފަހު ޑޮކްޓަރުން ޑިސްޗާޖު ކުރާ މީހުންނާ އާއިލާތަކުން ހަވާލުނުވާ މައްސަލަ ވަރަށް ބޮޑު ކަމަށާއި އެކަމުގެ ސަބަބުން އެ މަރުކަޒުގެ ޚިދުމަތަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ނުދެވޭ ކަމަށެވެ. އެގޮތުން މިހާރު ވެސް ޑިސްޗާޖުކޮށްފައި ތިބި 20 މީހަކު އެބަތިބި ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓަރު ފާތިމަތު ދިޔާނާ ވިދާޅުވީ މަރުކަޒަށް ގެންދާ ބަލި މީހުންގެ އިގުރާރުގައި އެ މީހުން ރަނގަޅުވުމުން އާއިލާ އިން ހަވާލުވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެގޮތަށް އަމަލު ކުރަނީ ވަރަށް މަދު އާއިލާއެއް ކަން ފާހަގަ ކުރެއްވި އެވެ. އަދި އެގޮތަށް އެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުން އެ ޒިންމާ ނުއުފުލާ ނަމަ ކޯޓު މެދުވެރިކޮށް ފިޔަވަޅުއަޅާ ގާނޫނީ ގޮތުން އެކަން ކުރެވޭނެ ގޮތްތަކާ މެދު ވިސްނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޒިންމާ އުފުލަންޖެހޭ ޒިންމާ އުފުލުމުގެ ކުޅަދާނަކަން ލިބިގެންވާ ޒިންމާތައް އުފުލުމުގެ ކުޅަދާނަކަން ހުރެ ނުއުފުލައިފި ނަމަ ދައުލަތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ވިސްނަން،" ދިޔާނާ ވިދާޅުވި އެވެ.
އެގޮތުން އެފަދަ އާއިލާތަކަށް ސަރުކާރުން ދެމުން އަންނަ ސަބްސިޑީތައް މެދުކަނޑާލުން ފަދަ ކަންކަން ދިޔާނާ ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ މަހު ގުރައިދޫ އަށް ޚާއްސަ ޓީމެއް ފޮނުވައިގެން އެންމެންގެ އައިޑީކާޑުތައް ހަދާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުން ދެމުން އަންނަ އެހީތައް ލިބުން ފަސޭހަވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މަރުކަޒުގައި ތިބޭ މީހުންނަށް ފަރުވާދިނުމުގައި ދިމާވާ އެންމެ ބޮޑުދަތިތަކަކީ އެތަނުން ފަރުވާ ހޯދަމުން އަންނަ އެންމެން އެއްކޮށްފައި ބައިތިއްބަން ޖެހުން ކަމަށެވެ. އަދި އެކަން މިހާރު ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިޔާނާ ވިދާޅުވީ އައިލާތަކުގައި ފިޒިކަލީ ގާބިލުކަން ނެތުމުން ދައުލަތަށް މީހުން ނެގި ނަމަވެސް މާލީ ތަނަވަސްކަން ހުންނަ ފަރާތުން އެއްޗެއް ލިބޭ ކަމަށްވަންޏާ އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި އެ މަރުކަޒުގައި ތިބި މީހުންނަށް ހުރިހާ ޚަރަދެއް ވެސް ކުރަމުން ދަނީ ދައުލަތަށް ލިބޭ ޓެކްސް އިން ކަން ފާހަގަ ކުރެއްވި އެވެ.
ގުރައިދޫގައި ހުންނަ ޚާއްސައެހީ އަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންނަށް 18 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް މިދިޔަ އަހަރު ޖެންޑާ އިން ވަނީ ބުނެފަ އެވެ.