ގއ. ކޫއްޑޫގައި ތަރައްގީކުރި އެއާޕޯޓް މިއަންނަ ހޯމަ ދުވަހު ހުޅުވާ ގޮތަށް ނިންމައިފި އެވެ.

ސިންގަޕޫރުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބޮނަވެންޗާ އިން ތަރައްގީ ކުރާ އަދި ރާއްޖޭގެ ކޭއެޗްއޭ ރިސޯޓްސް އެންޑް ހޮޓެލްސް އިން ހަދަމުން އަންނަ އެއާޕޯޓް މިއަންނަ ހޯމަ ދުވަހު ހުޅުވައި ދެއްވަނީ ރާއްޖޭގެ ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އަދި އެ ރަސްމިއްޔާތުގައި ސިންގަޕޫރުގެ ކުންފުނީގެ އިސް ފަރާތްތަކާއި ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ކޭއެޗްއޭ ރިސޯޓްސް އެންޑް ހޮޓެލްސް އިން މިއަދު ބުންޏެވެ.

އެއާޕޯޓް ހުޅުވުމާ ބެހޭ ގޮތުން މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެއާޕޯޓްޓުގެ ކޮންޓުރެކްޓާ، ކޭއެޗްއޭ ރިސޯޓްސް އެންޑް ހޮޓެލްސްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އެއާއަޕޯޓްގެ 90 ޕަސެންޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ އެއާޕޯޓްގެ ފިނިޝިންގެ މަސައްކަތްތައް ކަމަށާއި މި މަހުގެ އަށް ވަނަ ދުވަހު ޓެސްޓް ފުލައިޓް ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެއެޕޯޓް ހުޅުވިގެން ދާނީ ރައީސް ޖުމްހޫރިއްޔާގެ ފުލައިޓް އެއާޕޯޓްގައި ޖެއްސުމާ އެކު، އެގޮތުން ފުލައިޓް ޖެއްސުމާ އެކު އަޅުގަނޑުމެން މިސަރުކާރަށް ހަދިޔާކުރާ ފަޔަވައި ވެހިކަލްތަކުން ވޯޓާސެލިއުތެއް އަރުވާނެ،" ޖަނާވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ދުވަހު ގއ. ވިލިގިލީގައި ވެސް ހަވާއެރުވުމާ އެކު ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.

އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ސަރުކާރާއި ސިންގަޕޫރުގެ ބޮނަވެންޗާ ކުންފުއްޏާ މެދު ސޮއިކޮށްފައި ވަނީ މިއަންނަ އަހަރުގެ ތެރޭގައި ހުޅުވާ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެއާޕޯޓް ނިންމައި އެކުންފުނިން ދިވެހި ސަރުކަރާ ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އެގުރިމެންޓްގައިވާ މުއްދަތުގެ 14 މަސް ކުރިންނެވެ.

ޖަނާ އަދި ވިދާޅުވީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތާ އެކު ކޭއެޗްއޭ ރިސޯޓްސް އެންޑް ހޮޓެލްސްގެ ޗެއާމަން ގއ. ވިލިނގިއްޔަށް ހަދިޔާކޮށްދޭ ވޭސްޓް މެނޭޖްމަންޓް ފެސިލިތީ ހަދިޔާކުރުމުގެ އިތުރުން ފަޅުމާފުށީ ރިސޯޓް ވެސް ރައީސް ޖުމްހޫރިއްޔާ ރަސްމީގޮތުން ހުޅުވައިދެއްވުން އޮންނާނެ ކަމަށެވެ.