ފެބުރުއަރީ 6،7 އަދި 8ގައި ފުލުހުން ހިންގި އަމަލުތައް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބަލައި ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް މިނިވަން މުއައްސަސާތަކާ އެކު ފުލުހުން މިއަދު ބޭއްވި ބައްދަލުވުމުގައި އެއްބަސްވެއްޖެ އެވެ.

ފުލުސް ކޮމިޝަނާ އަބްދުﷲ ރިޔާޒު މިއަދު ވަނީ ޕޮލިސް އިންޓަގުރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)، އަދި އެޓާނީ ޖެނެރަލް (އޭޖީ) އާ އެކު ކޯނީގެ ރިޕޯޓާއި އެޗްއާރުސީއެމްގެ ރިޕޯޓުގައި ފުލުހުންނާ ގުޅޭ ގޮތުން ހުރި ކަންކަމާ މެދު މަޝްވަރާ ކުރައްވައިފަ އެވެ.

އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ނައިބު ރައީސް ޑރ. އަބްދުﷲ ވަހީދު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ ފެބުރުއަރީ 6،7 އަދި 8ގައި ފުލުހުން ހިންގާފައިވާ ކަންތައްތަކާ ގުޅޭ މައްސަލަތައް މިހާރު ވެސް ބަލަމުން ގެންދާ ކަމަށާއި މިއަދު ބައްދަލުވުމުގައި އެއްބަސްވެވުނީ އެ މައްސަލަތައް އަވަސް ކުރުމަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދިނުމާ މެދު ކަމަށެވެ.

"އެ ތަހުގީގުތަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުލުހުންގެ ފަރާތުން ލިބޭނެ ކަމާއި އެ ތަހުގީގުތަކަށް ފަހު ފިޔަވަޅު އެޅުމުގެ ކަންކަމާއި މި ކަންކަމާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް ފުލުހުންނާ އެކު މިއަދު އެއްބަސްވުމަކަށް މި އާދެވުނީ،" އަބްދުﷲ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެބުރުއަރީ 6 އަދި 7ގައި ފުލުހުން ހިންގި ކަންތައްތަކާ ގުޅޭ ރިޕޯޓް މިހާރު ވެސް އެކުލަވާލާފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ރިޕޯޓް އާންމުކުރާނޭ ކަމަށެވެ. އަދި އަށް ވަނަ ދުވަހުގެ މައްސަލަތަކާ ބެހޭ ތަހުގީގު ވެސް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ދުވަސްތަކުގައި ވަކިވަކި ފުލުހުންނާ ގުޅޭ ގޮތުން ހުރި މައްސަލަތައް ވެސް ކޮމިޝަނުން އަންނަނީ ބަލަމުން ކަމަށެވެ.

"ފުލުހުން މިހާރު ވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާ، އެހެންވީމާ މާލަހެއް ނުވެ މި ރިޕޯޓްތައް ނިންމާ އިއުލާންކުރެވޭނެ،" އަބްދުﷲ ވަހީދު ވިދާޅުވި އެވެ. "އޭގެތެރެއިން ހުރި ވަކިވަކި ފުލުހުންގެ މައްސަލަތައް ވެސް ހަމަވަރަށް ބޮޑަށް ނިމިފައި ހުރީ، ނަމަވެސް އޭގެތެރެއިން އެއް މައްސަލަ ޕީޖީއަށް މި ފޮނުވުނީ،"

އޭނާ ވިދާޅުވީ ފެބުރުއަރީ 6 އަދި 7ކާ ގުޅޭ ގޮތުން ބަލަނީ ވެރިކަން ބަދަލުވުމުގައި ފުލުހުން ހިންގާފައިވާ އަމަލުތަކަކީ ގާނޫނުގެ ތެރެއިން ހިންގާފައިވާ އަމަލުތަކެއްތޯ ކަމަށެވެ. އަދި 8 ވަނަ ދުވަހުގެ މައްސަލަތަކާ ގުޅޭ ގޮތުން ތަހުގީގު ކުރަނީ އެ ދުވަހުގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހިންގާފައިވާ އަމަލުތައް ކަމަށެވެ.

އެޗްއާރުސީއެމްގެ ރިޕޯޓުގައި ވެސް އަދި ކޯނީގެ ރިޕޯޓުގައި ވެސް ބުނެފައި ވަނީ ފެބުރުއަރީ 6،7 އަދި 8ގައި ފުލުހުން އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށާއި އެ ކަންތައްތައް ބަލައި ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒުވެސް އޭނާގެ އޮފިޝަލް ޓްވިޓާ އެކައުންޓްގައި ވިދާޅުވެފައި ވަނީ ފެބުރުއަރީ 6،7 އަދި 8ކާ ގުޅުން ހުރި ފުލުހުންގެ މައްސަލަތައް ބަލުމުގައި އެއްބާރުލުމަށް ޕޮލިސް އިންޓަގްރިޓީއާ އެކު މިއަދު އެއްބަސްވެފައިވާ ކަމަށެވެ.