03 Sep 2012, 13:24
ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ފަސް ރާޅާ އެޅުންތެރިންނާ އެކު "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ"ގެ ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ޑޭމިއެން ހާޑްމަން ހޯދައިފި އެވެ.
ވޯލްޑް ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފައިވާ ޑޭމިއެން ހާޑްމަން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ވޯލްޑް ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފައިވާ އެމެރިކާގެ ޓޮމް ކުރެންއާ ވާދަކޮށެވެ.
ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާ އާޅާ ފޮއިންޓްގައި ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހާޑްމަންއަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10،000 ޑޮލަރު ވަނީ ލިބިފަ އެވެ.
އިއްޔެގެ މުބާރާތަށް ފަހު ސަންއޮންލައިނާ ވާހަކަ ދައްކަމުން ހާޑްމަން ބުނީ، ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި މިފަދަ މުބާރާތްތައް ބާއްވަމުން އަންނާތީ ވަރަށް އުފާވާކަމަށާއި އަދި މިމުބާރާތުގައި ބޭރުގެ ވޯލްޑް ޗެމްޕިއަނުންނާ ވަދަކޮށް މިލިބުނު ކާމިޔާބީއާ މެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ.
"އަހަރެން މިހިރީ ވަރަށް އުފަލުން. މިފަދަ މުބާރާތްތައް މިހާރީތި ގައުމެއްގައި ބާއްވަމުން އައުމަކީ ވަރަށް ރަނގަޅު ކަމެއް. އަހަރެން ވަރަށް ބޭނުން ރާއްޖޭގެ ރާޅާ އެޅުންތެރިން ވެސް މުސްތަގްބަލްގައި ރަނގަޅު ވަނެއް ހޯދާނެ ކަމަށް. މުބާރާތުގައި ވަދަކުރުމަށް ފޯސީޒަން ރިސޯޓުން ދިން ދައުވަތާއެކު އަންނަ އަހަރުގެ މުބާރާތުގައި ވެސް ބައިވެރިވާ އަހަރެން މިހިރީ ތައްޔާރަށް."ހާޑްމަން ބުންޏެވެ.
މިމުބާރާތުގެ ރަނަރަޕްކަން ހޯދީ 1999 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަން ހޯދީ އޮސްޓްރޭލިއާގެ މާކް އޮކިލުޕޯ (އޮކީ) އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރި ބޭރުގެ ރާޅާއެޅުންތެރިންގެ ތެރޭގައި 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި މާޓިން ޕޮޓާ އާއި 2007 ވަނަ އަހަރު ލޯގް ބޯޑް މާސްޓާގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ފިލް ރަޒްމަން އަދި ދެ ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ ދަމިން ހާޑްމަންވާދަކުރި އެވެ.
"ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް ސާފިން ޓްރޮފީ"ގެ ނަމުގައި ފަސް ތަރީގެ ރިސޯޓުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ސިންގަލް ފިން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ކުރީގެ ޗެމްޕިއަން އޮސްޓްރޭލިޔާގެ މާކް އޮޗިލޮޕޯ (އޮކީ) އެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި މަޝްހޫރު ރާޅާ އެޅުންތެރިންގެ ތެރޭގައި ހަތަރު ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އޮސްޓްރޭލިއާގެ މާކް ރިޗަޑްސް އާއި ހަތް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައިވާ އެ ގައުމުގެ ލޭން ބީޗްލީ މި މުބާރާތުގައި ވާދަކުރި އެވެ.