ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެ ބޭފުޅުންނަކީ ވެސް ޑިމޮކްރަސީ ބިނާކުރެއްވި ބޭފުޅުންނެއް ނޫން ކަމަށް މަޝްހޫރު ނިއުސް އެޖެންސީ އަލްޖަޒީރާ އިން ސިފަކޮށްފި އެވެ.

އަލްޖަޒީރާ އިންގްލިޝްގައި "މޯލްޑިވްސް: މަޔާޑް އިން ޕްރެޒިޑެންޝަލް އިންޓްރީޖް" މި ސުރުހީގެ ދަށުން ވިލްޖޯޑަން ލިޔެފައިވާ ލިއުން ނިންމާލަމުން ބުނެފައި ވަނީ ކުރީގެ ރައީސް މައުމޫނަކީ ޚުދުމުޚުތާރު ވެރިއެއް ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ "އަނގުރު އަލިފާންކޮޅެއް ފަދަ" ބޭފުޅެއް ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ މެދުގައި ރާއްޖޭގެ ނާގާބިލު ޑިމޮކްރެޓިކް މުއައްސަސާތައް ފިތިފައިވާ ކަމަށެވެ.

ވިލްޖޯޑަންގެ ލިއުމުގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ނިމުނީ ބަޣާވާތަކުންތޯ ނުވަތަ ނޫންތޯ، ނިންމުމަކިީ މިހާރު އިލްމީ ކަމަކަށް (އިލްމީ ގޮތުން ބަހުސްކޮށްގެންނޫނީ ގޮތް ކަނޑަ ނޭޅޭ) ކަމަކަށް ވެފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުގައި ދެ ސުވާލެއް އެބަ އޮތް ކަމަށެވެ. އަދި އެ ދެ ސުވާލަކީ ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމުގެ ސިއްރު ރޭވުމެއްވޭތޯ އުފެދޭ ސުވާލާއި ރައީސް ނަޝީދުގެ ސަަރުކާރު ވައްޓާލުމުގައި ރައީސް މައުމޫނުގެ ބައިވެރިވުމެއްވޭތޯ އުފެދޭ ސުވާލު ކަމަށެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް ޑެންމާކްގެ މާހިރުން ލިއުއްވި ރިޕޯޓްގައި ފާހަގަކޮށްފައިވާ ދެ ނުގުތާއެއް ލިއުމަށް ފަހު އަލްޖަޒީރާގެ ލިއުމުގައި ބުނެފައި ވަނީ "ހެކިތަކަކީ ރަނގަޅަށް ސާބިތު ނުުކުރެވޭ ވަރުގެ ހެކި" ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުނު ގޮތާ ބެހޭ ގޮތުން ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ( ކޯނީ) އާއި ޑެންމާކްގެ މާހިރުން ލިއުއްވި ރިޕޯޓާ ދެ ރިޕޯޓްގައިވާ ކަންތައްތަކަށް ވެސް ރިއާޔަތްކޮށްގެން ލިއެފައިވާ ލިއުމުގައި ރައީސް މައުމޫނު، އިދިކޮޅު ލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދަށް ކުރިމަތިކުރުވި ކަންތައްތަކާއި ރާއްޖޭގެ މުއައްސަސާތަކާ މެދު ރައީސް ނަޝީދު އަމަލުކުރެއްވި ގޮތް ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޭރުގެ އިދިކޮޅު ސިޔާސީ ބޭފުޅެއް ކަމަށްވާ މިހާރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ހައްޔަރުކުރުމާއި ގާނޫނު އަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރު އަބުދުﷲ މުހައްމަދު ހައްޔަރު ކުރުން ފާހަގަކޮށްފައިވެ އެވެ.

ލިއުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮމިޝަނުގެ ރިޕޯޓާ މެދު ނުރުހުން ފާޅުކުރުމުގެ ގޮތުން ރައީސް ނަޝީދުގެ ސަޕޯޓަރުން މުޒާހަރާތައް ކުރަމުން ދިޔަ ނަމަވެސް ސިޔާސީ ފަރާތްތަކުގެ ސަމާލުކަން މިހާރު ހުއްޓިފައި ވަނީ އިންތިހާބަށެވެ.