03 Sep 2012, 13:12
ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީން ހުށަހެޅީ ސަރުކާރުގެ ތެރޭގައި ތިބެގެން ސަރުކާރު ހަލާކުކޮށްލުމުގެ ވިސްނުމުގައި ކަމަށް ޕީޕީއެމްގެ އިންތިގާލީ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ އިންތިގާލީ ނާއިބް ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީ އަށް ދިން ދައުވަތު ގަބޫލު ނުކޮށް މިހާރު ސަރުކާރުގައި ބައިވެރިވާން ހުށަހެޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގައި ބައިވެރިވުމަށް ކުރިން ރައީސް ވަހީދު ދެއްވި ދައުވަތު ގަބޫލުނުކޮށް އަނެއްކާ މިފަހަރު ސަރުކާރުގައި ބައިވެރިވުމަށް ހުށަހަޅި ހުށަހެޅުމަކީ އެއްވެސް އިޚުލާސްތެރިކަމެއް އޮވެގެން ހުށަހެޅި ހުށަހެޅުމެއް ނޫން ކަމަށާއި އެއީ ސަރުކާރުގައި ތިބެގެން ސަރުކާރު ހަލާކުކޮށްލުމުގެ ވިސްނުމުގައި ކުރަން އުޅޭ ކަމެއް ކަމަށެވެ.
"މި ސަރުކާރު މިހާރު މިއޮތީ ބައިނަލް އަގުވާމީ ދުނިޔެ ގަބޫލުކޮށްފައި. މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް. ދެން އެ ބޭފުޅުންނަށް އެބަ އެނގިވަޑައިގަންނަވާ ތިމަންނަމެން މަގުމައްޗަށް ނުކުމެ ހަޅޭލެވިޔަސް އަދި އުސްފަސްގަނޑުގައި ތިބެގެނެން ސައްލާ ކުރިއަސް ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު އެއްވެސް ބަޔަކު ސުވާލު ނުއުފައްދާނެ ކަން. އެހެންވީމާ ތިމަންނަމެންގެ އަތުގައި ނެތްކަން ބުރަދަން ހުރިއެއްޗެއް ހިފައިގެން ނުކުމެ ރައްޔިތުންނަށް ވިއްކާކަށް. އަޅުގަނޑު ގަބޫލުކުރާގޮތް މިދަންނަވަނީ އެބޭފުޅުން މިއުޅެނީ ސަރުކާރުގައި ތިބެގެން ސަރުކާރު ހަލާކުކޮށްލުމުގެ ވިސްނުމުގައި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގައި އެމްޑީޕީ ބައިވެރިކުރުމާ މެދު ޕީޕީއެމް އިން އަދި ވަކިގޮތެއް ނިންމާފައި ނުވާނެ ކަމަށާއި އެކަމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް މިރޭ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެމްޑީޕީން މި ސަރުކާރުގައި ބައިވެރިކުރާ ނަމަ އެކަން ކުރުމުގެ ކުރިން ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ރައީސް ވަހީދު ބައްދަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ފަހު އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީން ހުށަހެޅީ ކޯނީގެ ރިޕޯޓުގައި މި ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ކަނޑައަޅާފައި ވާތީ އާއި ސަރުކާރު ބަދަލުވިއިރު ވެސް އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށްވާތީ ކަމަށެވެ.