03 Sep 2012, 13:07
މާލެއިން ފުރައިންގެ 25 މީހުންނާ އެކު ހދ. ނޭކުރެންދު އަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަނޑުގަދަވެ، ދިޔަވަމުން ދަނިކޮށް ކޯސްޓްގާޑުން އެދޯނި ސަލާމަތްކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ "ފަލަކު" ނަމަކަށް ކިޔާ ދޯންޏެއް ކަނޑުގަދަވެ، މ. މާހަލު ކައިރީގައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ރޭ އިރުއޮއްސެން އުޅެނިކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުމާ އެކު ދިޔަ ހިއްކާނެ ތަކެއްޗާ އެކު ކޯސްޓްގަޑުން ހާބާކްރާފްޓް ލޯންޗް، ދޯނި އޮތް ސަރަހައްދަށް ދިއުމަށް ފުރި ކަަމަށެވެ. އަދި އިތުރު އެހެން ލޯންޗަކާ އެކު ކޯސްޓްގާޑު ލޯންޗަށް އެ ސަރަހައްދަށް ދެވުނީ ރޭ ގާތްގަނޑަކަށް 20:05 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ހާލުގައި ޖެހިފައި އޮތް ދޯނި އޮތް ސަރަހައްދަށް ގޮސް ބެލި އިރު އެދޯނި ދިޔަވަމުން ދިޔައީ ކަނޑު ގަދަވެ ދޯނިތެރެ އަށް ރާޅު ޖެހުމުގެ ސަބަބުން ކަމަށް ކޯސްޓްގާޑުން ބުނެފައިވާ ކަމަށާއި އެ ހާދިސާގައި "ފަލަކް" ދޯންޏަށް އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަަމަށެވެ.
ފަލަކް ދޯނި މިހާރު ވަނީ ސަލާމަތްކޮށް ކ. މާހަލު ކައިރީގައި ކަމަށާއި ކަނޑު މަޑުވުމުން ދަތުރުކުރަން ފަށާނެ ކަމަށް ދޯނީގެ ކެޕްޓަން ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ދޯނިން ދަތުރުކުރި 25 މީހުންގެ ތެރެއިން 10 މީހުން މާލެއައުމަށް ބޭނުންވާތީ ކޯސްޓްގާޑް ކާނި ލޯންޗުގައި ރޭ އެމީހުން ވަނީ މާލެ ގެނެސްދީފަ އެވެ.