02 Sep 2010, 04:55
ވެރިރަށް މާލެއަކީ މަސްތުވާތަކެތީގެ ހާއްޔެއް ކަމަށް ކުރިން ސުރެ ސިފަ ކުރެވެ އެވެ. ފުޅާދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި ފޮރުވައިގެން އުޅޭ މީހުން ވެސް "ބަސްޓް" ވަނީ މާލެއިންނެވެ. އެހެން ނަމަވެސް ފުލުހުން ބުނަނީ މިހާރު މަންޒަރު ބަދަލުވެއްޖެ ކަމަށެވެ.
މީގެ މާނައަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ކުރަމުންދާ "ޑީލަރުން" އެމީހުންގެ ސްޓޮކް ރައްކާކޮށް، ރާއްޖޭގެ ކަންކޮޅުތަކަށް ފޮނުވައި ވިޔަފާރިކުރުން ރާއްޖޭގެ ބިން ބޮޑެތި ރަށްރަށަށް ބަދަލުވެފައި ވުމެވެ. މަސްތުވާތަކެތީގެ ވިޔަފާރިއަށް މި ބަދަލު އައިކަން ފުލުހުން ޔަގީންކޮށްދެ އެވެ. މިއީ ނުރައްކާތެރި ވާހަކައެކެވެ.
މާލެޔާ ހިލާފަށް އަތޮޅުތަކުގެ ގިނަ ސަރަހައްދުތަކުގެ ބިން ބޮޑުވެފައިވާ އޮވެ އެވެ. އެ ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުން އަމުދުން މަދެވެ. މާލޭގައި ފުލުހުން ހިންގާ ފަދަ ބޮޑެތި އޮޕަރޭޝަންތަކެއް ނުހިންގަ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ވެރިޔާ، ސުޕްރިންޓެންޑެންޓް
މުހައްމަދު ޖިނާހު ވިދާޅުވީ އެފަދަ ބައިވަރު ސަބަބުތައް ހުރުމުން އަތޮޅުތައް ވެފައި ވަނީ މަސްތުވާތެކެތީގެ ވިޔާފާރި ހިންގުމުގަ އާއި ދިމަދިމާއަށް ޑިސްޓްރިބިއުޓް ކުރުމުގައި މިހާރު އިސް ދައުރެއް އަދާ ކުރަމުންދާ ސަރަހައްދުތަކަށެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ "ބޮޑުން" މާލެ ދޫކޮށް ބިން ބޮޑު ރަށްތަކުގައި "ގުދަން"ތައް ހެދުމުގެ ޓްރެންޑެއް އުފެދިގެން އައީ މަސްތުވާތަކެއްޗާ ދެކޮޅު ހެދުމުގައި ސަރުކާރުން މިހާރު ތަންފީޒުކުރާ އާ ސިޔާސަތުގެ ދަށުން މާލޭގައި ފުލުހުން ހިންގާ ހަރަކާތްތައް ވެސް ވަރުގަދަވާން ފެށުމުން ކަމަށެވެ. އޭގެ މާނައަކީ ފުލުހުން ހަރަކާތައް އިތުރުވުމުން މަސްތުވާތެކެތީ ބޮޑުންގެ ހަރަކާތްތަކާއި ވިޔަފާރި ފުލުހުންގެ ލޯތަކާ ދުރަށް ގެންދިއުމެވެ.
"ފުލުހުން ފުލުފުގައި އޮޕަރޭޝަންތައް ހިންގަން ފެށުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލު ކުރާ ސިޔާސަތަށް ބަދަލުތައް އައުމުން މިޓްރެނެޑް އައީ،" އޭނާ ވިދާޅުވި އެވެ. "މިހާރު ވެސް ރާއްޖޭގެ ބިން ބޮޑެތި ރަށްރަށަކީ މަސްތުވާތެކެތީގެ ވިޔަފާރި ފުޅާކޮށް ހިންގާ މީހުން އެ މީހުންގެ މަސްތުވާތެކެތި ރައްކާ ކުރާ ތަންތަން،" ފުލުހުން އެ ބުނުމުގައި ވަރުޖައްސައިދޭ އެއްކަމަކީ ފަހަކަށް އައިސް މަސްތުވާތަކެތީގެ ބޮޑެތި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރާ ގިނަ މީހުން ވެސް "ބަސްޓް" ވެފައި ވަނީ އަތޮޅުތަކުގެ ރަށްރަށުގައި ހަރަކާތްތެރިވަނިކޮށް ކަމަށް ވާތީ އެވެ.
ޖިނާހު ވިދާޅުވީ ބިން ބޮޑު އައްޑު އަތޮޅާއި ލ. އަތޮޅު ފަދަ ބިން ބޮޑެތި ރަށްތައް އޮތް ސަރަހައްދުތަކަކީ މަސްތުވާތަކެތި ފޮރުވާ ރައްކާކޮށް، ފުޅާކޮށް އެ ވިޔާފާރި ކުރާ މީހުން ވަރަށް ފުރިހަމައަށް އެކަން ކުރަމުންދާ ރަށްރަށަށް ބަދަލުވެފައިވާ ކަމަށާއި އެމީހުންނަށް ފަސޭހަތަކެއް އެ ރަށްރަށުގައި އެބަހުރި ކަމަށެވެ.
"މާލޭގައި ރައްކާ މިކުރަނީ ކޮންމެވެސް ގެއެއްގައި. އަތުލައިގަތީމާ ކޮންމެވެސް މީހަކު ޒިންމާވާން ޖެހޭ، އަނެއްކާ ފުލުހުންގެ ހަރަކާތްތައް ވަނީ މާލޭގައި އިތުރުވެފައި، އެއާ ހިލާފަށް ބޮޑު ބިމާއި ވާ އޮންނަ ރަށުގައި ފޮރުވައިގެން ގެންގުޅެ ބޭނުން ގޮތަށް ވިޔަފާރި ކުރުމަށް މަގު ފަހުވެފައި އޮވޭ،" ޖިނާހު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ޑީލަރުންގެ މާލެއިން ރަށްރަށް އެމީހުންގެ ވަގު ވިޔަފާރި ބަދަލުކޮށް، ބިން ބޮޑު ރަށްރަށުގައި މަސްތުވާތަކެތި ފޮރުވައި ވިޔަފާރި ކުރުން އިތުރުވެފައިވާތީ މިހާރު ފުލުހުންގެ އެބާވަތުގެ އޮޕެރޭޝަންތަކުގެ ބޮޑުބައި ވެސް އަމާޒު ކުރަނީ އެފަދަ ރަށްރަށަށެވެ.
މިހާރު ބަލަންވީ ބިން ބޮޑު ރަށްރަށުގައި ހެދެމުން ދަނީ މަސްތުވާތަކެތީގެ "ބޮޑުންގެ ބަނޑަހަ"ތަކަކީ އަދި އަދި މޫލާފައިވާ ބަނޑަހަތައް ނޫން ކަމަށެވެ. ފުލުހުންގެ އޮޕަރޭޝަންތައް ބޮޑެތި ރަށްރަށުގައި ބޮޑުކޮށް ޖެއްސިއްޖެ ނަމަ ބޮޑުކަމަކަށް ނުވެ މިކަން ހައްލު ކުރެވިދާނެ ކަމަށެވެ.