04 Feb 2026, 23:05
މާލެ ސަރަހައްދުގައި މިރޭ ދެ ލޯންޗު ޖެހި، ގެއްލުންތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް، ދެ އުޅަނދަށް އެކިވަރުގެ ގެއްލުންވި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެކްސިޑެންޓުވި ލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ލޯންޗުގެ ފަހަތު ސީޓާ ކައިރިން ގެއްލުން ލިބި، ސަތަރިގަނޑު ވީދިފައިވާ މަންޒަރު ފެނެއެވެ.
އެ އެކްސިޑެންޓު ހިނގި ވަގުތު ލޯންޗުގައި ތިބި މީހުންނާ ގުޅޭ މައުލޫމާތެއް މިހާތަނަށް ސާފުވެފައި ނުވެއެވެ.
މީގެ ކުރިން ވެސް، މި ސަރަހައްދުގައި، އާންމުކޮށް ރޭގަނޑު ގަޑީގައި ނުވަތަ މޫސުން ގޯސްވެފައި ވަނިކޮށް ލޯންޗު އެކްސިޑެންޓުތައް ހިނގައި ގެއްލުންތައް ވެފައި އެބަހުއްޓެވެ.