03 Sep 2012, 12:52
ފުލުހުންގެ ވެލްފެއާ ކަންތައްތައް ކުރިއެރުވުމަށް "ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ"ގެ، ގެ ނަމުގައި ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓްރީކޮށްފި އެވެ.
އެ ކޯޕަރޭޓިވް ރަޖިސްޓްރީކޮށްފައި ވަނީ އިއްޔެ ޓްރޭޓް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގެ ކޮމްޕެނީ ރަޖިސްޓްރާ އަލީ ސުޖާއު މިއަދު ވިދާޅުވީ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ ރަޖިސްޓްރީ ކުރީ އިއްޔެ ކަމަށާއި އެ ސޮސައިޓީ ރަޖިސްޓްރީ ކުރި އިރު 15 މީހެއްގެ ނަން ހިއްސާދާރުންގެ ގޮތުގައި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ފުލުހުންގެ މީޑިޔާ، ކޯޑިނޭޓާ ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދީ ފުލުހުންގެ ގާނޫނުގެ ދަށުން ކަމަށާއި އެ ސޮސައިޓީގެ މަގުސަދަކަށް ވާނީ ފުލުހުންގެ ވެލްފެއާގެ ކަންތައްތައް ރަނގަޅު ކުރުމަށް ކުރަން ޖެހޭ ވިޔަފާރިތައް ކުރުން ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ތެރެއިން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރާ ކޮންމެ މީހަކަށާއި ފުލުހަކަށް ވެސް ކޯޕަރޭޓިވް ސޮސައިޓީން ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.
"މިއީ ފުލުހުންގެ ހިންގުން ރަނގަޅު ކުރުމަށް ކުރާ ކަންތައްތަކުގެ ތެރެއިން ފުލުހުންނާއި އެ މީހުންގެ އާއިލާތަކާއި ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާތަކުގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރުން މީގެ މައިގަނޑު މަގުސަދަކީ، މިހާރުވެސް ޕޮލިހުންގެ ތެރޭގައި ޕޮލިސް ޝޮޕްވެސް އެބަ ހިންގޭ، އެގޮތުން ފުލުހުންގެ ވެލްފެއާގެ ކަންކަން ރަނގަޅުކުރަން ކުރާ ވިޔަފާރިތައް ކުރާނީ،" ހަނީފު ވިދާޅުވި އެވެ.
ދާދިފަހުން ސިފައިންގެން ވެސް ވަނީ "ސިފައިންގެ ވެލްފެއާ ކުންފުނީ"ގެ ނަމުގައި ކުންފުންޏެއް އުފައްދައިފަ އެވެ. އެގޮތުން އެ ކުންފުނިން މިހާރު އަންނަނީ ޖޮއިންޓް ވެންޗާ އުސޫލުން ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.