04 Feb 2026, 18:35
ދެހާސް ސައުވީސް ވަނަ އަހަރު، އާމްދަނީން ނަގާ ޓެކުހުގެ ފައިސާ ނުދައްކާ އަދަދު 100،000 ދިވެހި ރުފިޔާއަށްވުރެ އިތުރުވެފައިވާ25 މީހުންނާއި ކުންފުނީގެނަން މީރާއިން ހާމަކޮށްފިއެވެ.
މީރާއީން ބުނީ، ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދީފައިވާނެ ކަމަށެވެ. އަދި، އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެ ކަން އަންގާފައިވާނެ ކަމަށް މީރާއިން ވަނީ މައުލޫމާތު ދީފައެވެ.
ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން ވަނީ މައުލޫމާތު ދީފައެވެ.
އެހެންކަމުން މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސްނުކޮށް ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.