ޤާހިރާ (ސެޕްޓެމްބަރ 3): މިސްރު ސިފައިންގެ 70 އެއްހާ އިސް އޮފިސަރުން މަޤާމުން ވަކިކޮށް މުސްކުޅިކުރުމަށް އެޤައުމުގެ ދިފާޢީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙުއްސީސީ ނިންމަވައިފި އެވެ.

ރައްޔިތުންގެ އުތުރިއެރުމެއްގައި މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ދުވަސްވަރު މިސްރުގެ ލަޝްކަރުތަކުގައި އިސްދައުރު އަދާކޮށްފައިވާ 70 އަށް ވުރެ ގިނަ އޮފިސަރުން (ޖެނެރަލުން) މަޤާމުން ވަކިކޮށް މުސްކުޅިކުރުމަށް އައު ދިފާޢީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙުއްސީސީ ނިންމެވީ މުސްކުޅިކުރަން ޖެހޭ އުމުރަށް އެބޭފުޅުންގެ އުމުރު ގޮސްފައިވުމުގެ އިތުރުން މިސްރު ސިފައިންގެ އިސްމަޤާމްތަކަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުރްސީގެ އިސްލާމީ ޚިޔާލު ސިޔާސަތުތަކަށް ތާއީދުކުރާ ޒުވާން އޮފްސަރުން ލެއްވުމުގެ ބޭނުމުގައި ކަމަށް މިސްރުގެ މަޝްހޫރު ނޫހެއްކަމަށްވާ އަލްއަހްރާމް ބުނެ އެވެ. ޖެނެރަލް ޢަބްދުލްފައްތާޙުއްސީސީ މިނިންމުން ނިންމަވާފައި ވަނީ މިސްރުގެ ޢަސްކަރީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިސްރުގެ ޢަސްކަރީ ދާއިރާތަކާ ޙަވާލާދީ އަލްޖަޒީރާ ބުނާ ގޮތުން މުސްކުޅި ކުރެއްވުމަށް ނިންމާފައިވާ އިސް އޮފިސަރުންގެ ތެރޭގައި މުބާރަކްގެ ވެރިކަން ވެއްޓުމަށް ފަހު އޭނާ އުފެއްދެވި މިސްރު ސިފައިންގެ އެންމެ ބާރުގަދަ މަޖިލިސް ކަމަށްވާ ޢަސްކަރީ އެންމެމަތީ މަޖިލީހުގެ ބައެއް މެންބަރުން ވެސް ހިމެނެ އެވެ. މުބާރަކް ވެއްޓުމަށް ފަހު އުފެދިގެން ދިޔަ އިންތިޤާލީ މަރްޙަލާގައި މިސްރުގެ ވެރިކަންކޮށްފައި ވަނީ މިމަޖިލީހުންނެވެ.

މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު މިސްރުގެ ރައީސް ޑރ. މުޙައްމަދު މުރްސީ ވަނީ މުބާރަކްގެ ދުވަސްވަރުގައާއި މުރްސީގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ދިފާޢީ ވަޒީރުކަންކުރައްވާފައިވާ ސިފައިންގެ ނުފޫޒު ގަދަ ވެރިޔާ އަދި ޢަސްކަރީ މަޖިލީހުގެ ވެރިޔާ ފީލްޑް މާޝަލްމުޙައްމަދު ޙުސައިން ތަންތާވީ އާއި މުބާރަކްގެ ދުވަސްވަރު މިސްރު ސިފައިންގެ ތެރޭގައި ނުފޫޒު ގަދައެތަށް އިސް އޮފިސަރުންނެއް މަޤާމުން ވަކިކޮށް މުސްކުޅި ކުރައްވުމަށް ފަހު މުރްސީގެ ސިޔާސަތުތަކަށް ތާއީދުކުރާ ޒުވާން އޮފިސަރުން މިސްރު ސިފައިންގެ އިސްމަޤާމުތަކަށް ޢައްޔަންކުރައްވާފަ އެވެ. މީގެތެރޭގައި މިހާރުގެ ޒުވާން ދިފާޢީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙުއްސީސީ ހިމެނިވަޑައިގަންނަވަ އެވެ.

އޮގަސްޓް މަހު މުރްސީގެ ރިޔާސީ އަމުރުގެ ދަށުން މުސްކުޅިކޮށް މަޤާމުންދުރުކުރެވުނު މިސްރު ސިފައިންގެ އެންމެ އިސް އޮފިސަރުންގެ ތެރޭގައިޗީފް އޮފް ސްޓާފް ޖެނެރަލް ކަމުގެ މަޤާމުގައި ކުރިން ހުންނެވި ސާމީ ޢަނާންގެ އިތުރުން އެތައް އިސް އޮފިސަރުންނެއް ހިމެނެ އެވެ. ސިފައިން ޚިދްމަތުންމުސްކުޅިކުރެއްވުމަށް ފަހު ތަންތާވީ އާއި ސާމީ ވަނީ ރިޔާސީ ދެމުސްތަޝާރުންގެ ގޮތުގައި ހަމަޖައްސަވާފަ އެވެ.

މިސްރު ސިފައިންގެ އިސް އޮފިސަރުންތަކެއް މުސްކުޅި ކުރެއްވުމަށް ދިފާޢީ ވަޒީރު ޢަބްދުލްފައްތާޙުއްސީސީމިސްރުގެ ސިފައިންނާއި މުޅި ޤައުމުގެ މަސްލަޙަތަށް ރިޢާޔަތްކުރައްވައިގެން ކަމަށާއި މިސްރު ސިފައިންގެ އިސްމަޤާމްތަކަށް އައު ލޭ ބޭނުންވެފައިވާ ކަމަށް މިސްރުގެ ޢަސްކަރީ ދާއިރާތަކުން ބުނެ އެވެ. (އަލްޖަޒީރާ)