ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުރޮޅުމާ އެކު ޖެހިގެން އައި ފެބުރުއަރީ އަށް ވަނަ ދުވަހު އެތައް ހާސް ބަޔަކާ އެކު އެމްޑީޕީން ބޮޑު މުޒާހަރާއެއް ބޭއްވި އެވެ. އެ މުޒާހަރާ މައިތިރިކުރަން ފުލުހުން އާންމުންނާ ކުރިމަތިލީ، "ހަތިޔާރާ އެކު އަނިޔާވެރި" ގޮތަކަށެވެ. މިއީ ހިއުމަންރައިޓްސް ކޮމިޝަނުން އެދުވަހާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓުގެ ކުރު ހުލާސާ އެކެވެ. އަދި މި ހުލާސާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓުގެ ރެކޮމެންޑޭޝަން ދޭކަށް ވެސް ފެތެ އެވެ.

ކޯނީގެ ރިޕޯޓުގައި ވެސް ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. ކޯނީގެ ނިންމުން ގަބޫލުކޮށް އެއަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ސަރުކާރާއި ކޮމަންވެލްތު އަަދި ރައީސް ނަޝީދު ވެސް ވިދާޅުވެފައިވާ އިރު އެރިޕޯޓުގައި ހުރި ހުށަހެޅުންތަކަށް ވެސް އިހުތިރާމު ކުރަންޖެހެ އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފެބްރުއަރީ 6،7 ގައި ހިނގައި ދިޔަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރައްވާފައިވާ ކަންތައްތަކެއްގެ ސަބަބުން މެދުވެރިވެފައިވާ ކަންތައްތަކެވެ.

ނަޝީދު ގޯހެއް ހެއްދެވީއޭ ކިޔާފައި ނުވަތަ ގާނޫނާ ހިލާފަށް ކަމެއް ކުރެއްވިއޭ ކިޔައިފައި އެހެން ބަޔަކު ގާނޫނާ ހިލާފު އަމަލުތަކެއް ހިންގުމުގެ ހުއްދަ ގާނޫނުން ލިބިދީފައި ނުވާ އިރު އެހުރިހާ ކަންކަމަކީ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަންކަން ކަމުގައި ބުއްދީގެ މިންގަނޑުން ގަބޫލުކުރަންޖެހެ އެވެ. އަދި ކޯނީގެ ރިޕޯޓްގައި ވެސް އެދުވަހު އަނިޔާވެރި އަމަލުތައް ހިންގި ފުލުހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ބުނެފައި އޮތުމަކީ އެކަމުގައި ޒިންމާ ނަގަންޖެހޭ ބަޔަކު ތިބިކަން ބަޔާންކޮށްދޭ ކަމެކެވެ.

ވެރިކަން ބަދަލުވި ގޮތް ބެލުމަށް ފަހު ކޯނީން އެކުލަވައިލި ރިޕޯޓާ ގުޅިގެން ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި، ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ކޯނީގެ ރިޕޯޓުން ފާހަގަވެފައި ވަނީ ވެރިކަން ބަދަލުވީ ކަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ އެއްވެސް ފަރުދެއްގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވާ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހެނީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކަމަށާއި ފެބުރުއަރީ ހައެއް އަދި ހަތެއްގައި ދިމާވި ކަންކަމުގެ ޒިންމާ އުފުލަން ޖެހޭނީ ނަޝީދު ކަމަށެވެ.

"ކޮމިޝަނުގެ ރިޕޯޓުގައި އޮތީ ފުލުހުންގެ ފަރާތުން ކަމެއް ހިނގައިފި ނަމަ އެކަމެއް ބަލަން ޖެހޭނީ ކަމާއި ގުޅޭ ފަރާތުން ކަމަށް،" ޖަމީލު ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ފުލުހުންގެ ތެރެއިން ބަޔަކު ހިންގާފައިވާ އަމަލުތައް ތަހުގީގު ކުރުމަށް ބުނެފައިވާ އިރު އެއީ ކޮން ކަމެއްތޯ ރިޕޯޓުން ސާފުވާން ޖެހޭ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ. އަދި ފެބްރުއަރީ މަހުގެ 6،7 އަދި 8 ގައި ހިނގައި ދިޔަ އެތައް ކަމެއް މިހާރު ވެސް އެކޮމިޝަނުން ގެންދަނީ ބަލަމުންނެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަލުވެގެން ގޮސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި ރައީސް ޑރ. ވަހީދުގެ ސަރުކާރަކީ ބަޣާވާތުން އައި ސަރުކާރެއް ކަމަށް އެމްޑީޕީން ކުރި ތުހުމަތުތަކާ ގުޅިގެން އެކަންތައްތައް ބެލުމަށް އުފެއްދި ކޮމިޝަން މިސަރުކާރުގެ ގާނޫނީ ސައްހަކަން ބުނެދީފައިވާ އިރު ގާނޫނާ ހިލާފަށް ބަޔަކު އަމަލްތަކެއް ކޮށް އެތައް ބަޔަކަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކެއް ގެއްލި އެތައް ބައެއްގެ އިންސާނީ ހައްގުތަކެއް ނިގުޅައިގަނެފައިވާ އިރު އެކަންތައްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ ފިޔަވަޅު އަޅަން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް އެނގި ހޯދަން ޖެހެ އެވެ. ރިޕޯޓްގައި ފިޔަވަޅު އެޅުމެއް ނެތްކަމަށް ބުނެ އެކަމާ އަޅައި ނުލައި ނަމަ އެކަމުން އިއާދަނުކުރެވޭނެ ގެއްލުމެއް ލިބުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.