03 Sep 2012, 10:42
ދިވެހިރާއްޖެ އާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފި އެވެ.
ޗައިނާގެ ޒިންޖިއަން ޕްރޮވިންސްގައި ހުންނަ ސްޓޭޓް ގެސްޓް ހޮޓަލުގައި އިއްޔެ އޮތް މިވާހަކަފުޅުތަކުގައި ޗައިނާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެންމެ އިސްބޭފުޅަކީ ޗައިނާގެ ބޮޑުވަޒީރު ވެން ޖިއާބައޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެންމެ އިސް ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކެވެ.
އެ ވާހަކަފުޅުތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މި އަހަރަކީ ދިވެހިރާއްޖެ އާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމު ކުރެވުނުތާ 40 އަހަރު ފުރޭ އުފާވެރި މުނާސަބަތުކަން ވެސް ދެގައުމުގެ ވެރިން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ މުނާސަބަތުގައި ރާއްޖެއާ މެދު ވަރަށް ހާއްސަ ނަޒަރަކުން ބައްލަވާ ކަމުގައި ވެސް ޗައިނާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް ހިނގަމުންދާ ވިޔަފާރި އާއި އެހީގެ ޕްރޮގްރާމްތަކުގެ މައްޗަށް ވެސް ރަސްމީ ވާހަކަފުޅުތަކުގައި ބައްލަވާލެއްވި އެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރެއްވުމަށް ހިންގަވަމުން ގެންދަވާ ޕްރޮގްރާމްތަކަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަމާއި، ދަތުރުފަތުރު ތަރައްގީ ކުރުމާއި އިމާރާތް ކުރުމާއި މަގު ހެދުން ފަދަ ދާއިރާތަކުގައި ވެސް ރާއްޖެ އަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން ޗައިނާގެ ބޮޑުވަޒީރު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ދިވެހި ވަފުދުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. އަބްދުއްޞަމަދު އަބްދުﷲ އާއި މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ޑރ. މަރިޔަމް ޝަކީލާ އާއި، މިނިސްޓާ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްބެސެޑާ އެޓް ލާޖް މުހައްމަދު ރަޝީދެވެ.