03 Sep 2012, 10:36
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާ އިން ރާއްޖެ އަށް ދިނުމަށް ކަނޑައަޅާފައިވާ 500 މިލިޔަން ޑޮލަރުގެ ލޯނު އެހީއާ ބެހޭ ތިން އެއްބަސްވުމުގައި ދެ ސަރުކާރުން ސޮއިކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ޗައިނާ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް ދެމުން އަންނަ އިގުތިސާދީ އަދި ފަންނީ އެހީގެ ޕްރޮގްރާމްގެ ދަށުން އަންނަ އަހަރަށް ދޭ އެހީގެ އެއްބަސްވުން ހިމެނޭ ކަމަށެވެ. އެ އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ކޮމާސް މިސްޓާ ޗެން އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. އަބްދުއްސަމަދު އަބްދުﷲ އެވެ.
ރާއްޖެގެ އާއި ޗައިނާ ސަރުކާރުގެ ދެމެދު ދެވަނަ އަށް ސޮއިކޮށްފައި ވަނީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް ލުއި ގޮތެއްގައި ލޯނު ދޫކުރުމުގެ އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ކޮމާސް މިސްޓާ ޗެން އެެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ އަހުމަދު އަދީބް އަބްދުލްޣަފޫރު އެވެ.
މީގެއިތުރުން ޗައިނާ ސަރުކާރުގެ ފަރާތުން އެ ގައުމުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް މެދުވެރިވެގެން، 1500 ހައިސިން ޔުނިޓް އެޅުމަށް ދިވެހި ސަރުކާރަށް ނަގާ 150 މިލިއަން ޑޮލަރުގެ ލުއި ލޯންގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ކޮމާސް މިސްޓާ ޗެން އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ އަހުމަދު އަދީބް އަބްދުލްޣަފޫރެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ބޮޑުވަޒީރު ވެން ޖިއާބައޯ ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި ޗައިނާގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ދެ ބޭފުޅުންގެ ކުރިފުޅުމަތީގައި މިފަދަ އެއްބަސްވުމެއްވި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާ ސަރުކާރާ އެކު ރާއްޖެ އިން ސޮއިކޮށްފައިވާ މިއެއްްބަސްވުމުގެ ދަށުން ރާއްޖެ އަށް ލިބޭނެ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވެފައިވާ 500 މިލިއަން ޑޮލަރު ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
"މިއެއްބަސްވުންތަކުގެ ދަށުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ ލޯން އެހީއަކާއި ރާއްޖޭގައި 1500 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް 150 މިލިއަން ޔޫއެސް ޑޮލަރުގެ ލުއި ލޯނަކާއި ކޮންމެ އަހަރަކު ވެސް ޗައިނާ ސަރުކާރުން ދޭ ހިލޭ އެހީގައި ދިނުމާ ބެހޭ އެއްބަސްވުމުގައި މިވަނީ ސޮއިކުރެވިފައި،" އައްބާސް ވިދާޅުވި އެވެ.
މި އެއްބަސްވުންތަކަށް ފަހު، ދެގައުމުގެ ދެމެދުގައި މިހާރު ވެސް ހިނގަމުންދާ ވިޔަފާރި އާއި އެހީގެ ޕްރޮގްރާމްތަކަށް އަލިއަޅުއްވާލެއްވި އެވެ. މީގެއިތުރުން، ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރެއްވުމަށް ހިންގަމުން ގެންދާ ޕްރޮގްރާމްތަކަށް ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އަދި ދަތުރުފަތުރު ތަރައްގީ ރުމާއި، އިމާރާތް ކުރުމާއި މަގު ހެދުން ފަދަ ދާއިރާތަކުގައި ދިވެހިރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމުގައި ޗައިނާގެ ބޮޑުވަޒީރު ވަނީ ޔަގީންކަން ދެއްވާފައިވެ އެވެ.
ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ނަގާ 500 މިލިއަން ޑޮލަރަކީ ކިހާ ދުވަހަކުން އަނބުރާ ދައްކާ ގޮތަށް ނަގާ ފައިސާއެއް ކަމެއް އަދި އެ ލޯންގެ އިންޓަރެސްޓް ރޭޓަކީ ކޮބައިކަމެއް ރައީސް އޮފީހަކުން ވެސް އަދި ޗައިނާ ސަރުކާރަކުން ވެސް އަދި އާންމެއް ނުކުރެ އެވެ.