މި ދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވުމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުންނާއި ފުލުހުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ މޫސުމް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށް އެފަރާތުން އިލްތިމާސް ކުރާ ކަމަށެވެ.

"ރޭގަނޑު ދަތުރުކުރާ ނަމަ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރުނުކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ. އަދި ދަތުރުކުރާ ޕަސިންޖަރުންނަށް، ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށާއި ތެލާއި ފެން އަދި ކާބޯތަކެތީގެ އިތުރުން ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ. މީގެއިތުރުން، ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް މޫސުމުގެ ސަބަބުން ދިމާވެދާނެ ހާދިސާތަކަށް ސަމާލުކަންދިނުމަށާއި ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކް ކުރުމާއި އަދި މިނޫނަސް ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތްތެވުމާ އެކު ދަތުރުތައް ރޭއްވެވުމަށް ވެސް އެމްއެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ." އެމްއެންޑީއެފް އިން ބުންޏެވެ.

ފުލުހުން ބުނީ ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސް ކުރާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ކަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެން ވާކަމެއް ކަމަށެވެ.