ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

ހުޅުދުއްފާރުގެ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކުރީ ރ. އަނގޮޅެތީމް، ފިނިވާގޭ، އަހުމަދު ރަޝީދު 29، ގެ މައްޗަށެވެ.

ހުޅުދުއްފާރު ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަހުމަދު ރަޝީދު ހުޅުދުއްފާރަށް ދިޔައީ އެ ދެ މީހުން ފޯނުން ގުޅައި ރައްޓެހި ވެގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މި އަހަރުގެ މެއި މަހުގެ ތެރޭގައި އަންހެންކުއްޖާގެ ދައުވަތަކަށް އަހުމަދު ރަޝީދު އެ ރަށް ގޮސް އެ ރަށު އިންޖީނުގޭގެ އިރުމަތީ ފަރާތު އަތިރިމަތީގައި ހުރި ގަސްތަކެއްގެ ތެރޭގައި ޖިންސީ އަމަލު ހިންގާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަހުމަދު ރަޝީދާ އެކު ޒިނޭ ކުރިކަމަށް 16 އަހަރުގެ އަންހެން ކުއްޖާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާތީ އޭނާ 100 އެތިފަހަރުން ހައްދުޖަހައި އަށް މަސް ދުވަހަށް ގޭ ބަންދުކުރުމަށް ވެސް ހުކުމް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަންހެން ކުއްޖާ އަށް 18 އަހަރު ނުފުރޭތީ އެ ހުކުމް ތަންފީޒު ކުރާނީ އޭނާއަށް 18 އަހަރު ފުރުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އަހުމަދު ރަޝީދުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ނެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ.

އެ ގާނޫނޫގެ ތިންވަނަ މާއްދާގެ (ނ) ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.