03 Sep 2012, 09:39
އުމުރުމައްޗަށް ދިޔުމާއެކު ވެސް ސިއްޙީ ދިރިއުޅުމެއް އުޅޭ ނަމަ ފުރިހަމަ ސިއްޙަތެއްގައި ދިގުއުމުރެއްގައި އުޅެވިދާނެކަން ކަމާބެހޭ ޢިލްމީ ދިރާސާއަކުން ހާމަވެއްޖެ އެވެ.
ސްވިޑްންގެ ރީސާޗަރުންގެ ޓީމަކުން ކުރުމަށް ފަހު ސްޓޮކްހޮމްގައި ދާދިފަހުން ޝާއިޢުކުރި ދިރާސާއަކުން ހާމަވާ ގޮތުގައި ގަވައިދުން ކަސްރަތުކުރުމާއި ސިއްޙީ ކާނާކެއުމަކީ ފުރިހަމަ ސިއްޙަތެއްގައި ދިގު އުމުރެއްގައި އުޅުމަށް މަގުފަހިވެގެންދާނެ ކަންކަމެވެ. މުސްކުޅި އުމުރުގައި ކުރަން އެންމެ ރަނގަނޅު ކަސްރަތުގެ ތެރޭގައި ހިނގުން ހިމެނޭ ކަމަށާއި ތާޒާ މޭވާގެ ފަންޏާއި ތަރުކާރީ އެކިބާވަތްތަކާއި ތެލާއި ފެޓްގެ ބައިތައް މަދުކާނާ އަކީ ސިއްޙީ ކާނާ ކަމަށް ވެސް މިދާރާސާ ބުނެ އެވެ.
މިދިރާސާގައި އުމުރުން 75 އަހަރުން މަތީގެ 1800 މީހުންގެ ދިރިއުޅުން 18 އަހަރުވަންދެން ބަލައި އެ މީހުންގެ ސިއްޙަތަށް އަންނަ ބަދަލުތައް ނޯޓްކުރަމުން ގޮސްފައިވެ އެވެ. އެ މުއްދަތުގައި މީގެތެރެއިން ނުވަ މީހަކު މަރުވެފައިވާ އިރު މީގެތެރެއިން ދެބައިކުޅަ އެއްބައިމީހުންގެ އުމުރު 90 އަށް ވުރެ މައްޗަށް ގޮސްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ނުވަދިހަ އަށް ވުރެ މައްޗަށް އުމުރު ގޮސްފައި ވަނީ ގަވައިދުން ކަސްރަތުކޮށް ސިއްޙީ ކާނާ ކާމީހުންނެވެ. އަދި ރައްޓެހިންނާ އެކު އުފަލުގައި ވަގުތު ހޭދަކުރުމަކީ ވެސް އުމުރު ދިގުވުމަށް މަގުފަހިވާ ކަމެއްކަން މިދިރާސާ އިން ހާމަވާކަމަށް ރީސާޗަރުން ބުނެފައިވެ އެވެ. މިދިރާސާ ބުނާ ގޮތުން އުމުރުން 75 އަހަރަށް ފަހު ވެސް ސިއްޙީ ކާނާކެއުމާއި ގަވައިދުން ކަސްރަތު ކުރުމަކީ އިތުރު ފަސްވަރަކަށް ނޫނީ އަށެއްކަ އަހަރަށް އުމުރު ދިގުވުމަށް މަގުފަހި ވެދާނެ ކަމެކެވެ. (ޑެއިލީ ޓެލެގްރާފް)