ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ ރޯދަ މަހު ހިންގި ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފުތާގެ ނަސީބުވެރިޔާ އާއި މުޅި އެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ބީއެމްއެލް އިން ބުނީ ނަސީބުވެރިން ހޮވީ މިއަދު ހެނދުނު ސީޓްރެކްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށާއި ގުރުއަތު ނަންގަވައި ދެއްވީ ބޭންކްގެ ޕްރަޔަރިޓީ ކަސްޓަމަރެއް ކަމަށްވާ ސިމް ޓްރޭޑާސް އެންޑް ޓްރެވެލްސްގެ ޗެއާމަން އިބުރާހިމް ހަސަން ކަމަށެވެ.

ބޭންކްގެ ޕްރޮމޯޝަންގެ ހަތަރު ވަނަ ހަފުތާގެ ތިން ނަސީބުވެރިންނަކީ މުހައްމަދު ރަޝީދު އާއި މަމްދޫހާ ޝާކިރުއާއި ހުސެއިން ޖަމީލު އެވެ.

އަދި މުޅި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ޝިއުނާ ހުސެއިން އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ޕްރޮމޯޝަންގައި ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކުރި ހުރިހާ ކަސްޓަމަރުން ބައިވެރިކޮށްފައިވާ ކަމަށެވެ.

މިޕްރޮމޯޝަންގައި ކޮންމެ ހަފުތާ އަކު ވެސް ގުރުއަތުން ހޮވޭ ތިން މީހަކަށް އެ ހަފުތާގައި ކާޑުން ވިޔަފާރިކުރުމަށް ހޭދަކުރި ހުރިހާ ފައިސާއެއް އަނބުރާ އެ ކަސްޓަމަރެއްގެ އެކައުންޓަށް ބޭންކުން ޖަމާކޮށްދެ އެވެ.