02 Sep 2012, 19:21
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ހުއްޓާލުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން އެ އަމުރު ބާތިލް ކުރީ ހައިކޯޓުން އެ އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ނެކްސް ބިޒުން އެ އަމުރު އެ ކޯޓުގައި އިލްތިމާސް ކުރި މައްސަލަ ބެލުމަށް ފަހު މިއަދު އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނަނީ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް ފަހު އެ މަސައްކަތް ދެން ކުރިއަށް ގެންދަންވާނީ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި އެތަނުން ނިންމާ ނިންމުންްތަކާ އެއްގޮތަށް ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ތައްޔާރުކޮށް އަލުން ބިޑުކޮށްގެން ކަމަށް އޭސީސީން އިމިގްރޭޝަނަށް އެންގި ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އޭސީސީން ދައުލަތުގެ އިދާރާތަކަށް އަންގާ އެފަދަ އެންގުންތަކަށް އަމަލު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އެންގުންތައް އެންގުމުގެ ބާރު ގާނޫނީ ގޮތުން އޭސީސީއަށް ލިބިގެން ނުވާއިރު ހައިކޯޓުން ބަލަމުންދާ އެ ގަޒިއްޔާގެ މައުޟޫއީ ހައްގު ހިމާޔަތް ކުރުމުގެ އެއްވެސް ގާނޫނެއް ވުޖޫދުގައި ނެތް އިރު އެ ގަޒިއްޔާ އާ ގުޅޭގޮތުން ވަގުތީ އަމުރެއް ނެރުމަކީ ގާނޫނީ ގޮތުން ސައްޚަ ކަމެއް ނޫން ކަމަށެވެ.
އެ ހުކުމްގައި ބުނަނީ ގާނޫނު އަސާސީގެ 202 ވަނަ މާއްދާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުން އެ ކޮމިޝަނަށް ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުގެ ތެރޭގައި ޕަބްލިކް ލޯގެ ދާއިރާގައި ހިމެނޭ އެއްވެސް އިދާރީ އެންގުމެއް ނުވަތަ އަމުރެއް ކުރުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ ކޮމިޝަނަށް ގާނޫނުން ލިބިގެންވާ ހަމައެކަނި ބާރަކީ ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތައްތަކުގެ ތެރެއިން ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ ކަންތައްތައް ތަހުގީގު ކުރުމާއި އެ ތަހުގީގު ފުރިހަމަ ކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންކަން ކުރުމުގެ ބާރު ކަމަށެވެ.
އޭސީސީގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ޖިނާއީ ތަހުގީގެއް އެއްްވެސް މައްސަލައަކާ ގުޅިގެން ކުރާނަމަ ޖިނާއީ އިޖުރާއަތަށާއި އެ އިޖުރާއަތުގެ އުސޫލުތަކަށް ތަބާވާންޖެހޭނެ ކަމަށާއި އެގޮތުން ޖިނާއީ ތުހުމަތު ތަކާ ގުޅިގެން ހޯދަން ޖެހޭ ކޯޓު އަމުރުތައް ހޯދަން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ޖިނާއީ މައްސަލަތައް ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކޯޓަކުން ކަމަށް ވެސް ހުކުމުގައި ވެއެވެ.
މީގެ އިތުރުން ދެފަރާތެއްގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ބާތިލުކުރުން ފަދަ ފިޔަވަޅުތައް ވެސް އަޅަންވާނީ ޖިނާއީ އިޖުރާއަތުގެ ތެރެއިން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.