ފުލުހަކަށް ހަމަލާދިން މީހަކާއި ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި މީހަކާއި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ފުލުހަކަށް ހަމަލާދިން ކަން ޝަރީއައަތަށް ސާބިތުވުމުން 5000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ހުކުމް ކޮށްފައި ވަނީ ހ. ސީ ސްޕީޑް އަހުމަދު ނަދީމްގެ މައްޗަށެވެ.

ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރިކަން ޝަރީއަތަށް ސާބިތުވުމުން 3000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އެ ފައިސާ މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ހުކުމް ކޮށްފައި ވަނީ ނ. ވެލިދޫ މާވްލެސް މުހައްމަދު ރިފާއުގެ މައްޗަށެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ކުށް ޝާރީއަތަށް ސާބިތުވުމުން 3000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އެ ފައިސާ މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ހުކުމް ކޮށްފައި ވަނީ ހއ. ތުރާކުނު ރޯޝާނީގޭ އަލީ ޝާހީންގެ މައްޗަށެވެ.

ނަދީމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މި އަހަރުގެ މާޗް ފަސް ވަނަ ދުވަހު ގިނަ އަދަދެއްގެ ބަޔަކު މާލޭގެ އެކިތަންތަނަށް އެއްވެ ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން ނަލަހިޔާ ހޮޓެލް ކައިރީ ހިނގަމުން ދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ދިޔަ ފުލުހަކު ނަދީމް އެތަނުން ދިޔުމަށް ނަސޭހަތް ދިންކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެތަނުން ދިޔުމަށް ފުލުސް މީހާ ނަސޭހަތްތެރިވުމުން ފުލުސް މީހާގެ މޭމަތީގައި އަތްއަޅާއި ކޮއްޕާލުމުން ފުލުސް މީހާ އެތަނުން ދިޔުމަށް ހިނގައިގަތް ވަގުތު ފުލުސް މީހާގެ ބުރަކަށީގައި ނަދީމްގެ ފައިން ޖަހާފައިވާ ކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ރިފާއުގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ މި އަހަރުގެ މާޗް 18 ވަނަ ދުވަހުގެ ރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ދެ ފުލުހަކަށް އޭނާ ހަމަލާދޭން އުޅުނުކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ޝިހާންގެ މައްޗަށް ކުރި ހުކުމްގައި ބުނަނީ ނަލަހިޔާ ކައިރިން ނަދީމް ފުލުހަކަށް ހަމަލާދިނުމުން ނަދީމް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާ ހައްޔަރު ކުރުމަށް ހުރަސް އަޅައި އޭނާގެ ގައިގައި ހިފަހައްޓާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.