02 Sep 2012, 18:21
ރައީސް ޑރ. މުހަންމަދު ވަހީދުގެ ސަރުކާރުގައި ބައިވެރިވާން އެމްޑީޕީން ހުށަހަޅައިފި އެވެ.
އެމްޑީޕީން މިގޮތަށް ހުށަހެޅީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާތައް، "ލީޑާޒް ޑައިލޮގު"ގަ އެވެ. އޯލް ޕާޓީ ޓޯކްސްގެ ނަމުގައި ފެބްރުއަރީ މަހު ފެށި މަޝްވަރާތައް ރައްޔިތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެކު ބޭއްވުމަށް ނިންމި ފަހުން، ފުރަތަމަ ފަހަރަށް ބޭއްވި ބައްދަލުވުން އޮތީ މިއަދު ހަވީރު ވެލާނާގޭގަ އެވެ.
ބައްދަލުވުމުގައި އެމްޑީޕީން ބައިވެރިވެ ވަޑައިގެންނެވި، އެ ޕާޓީގެ ޗެއާޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މަޝްވަރާއަށް ފަހު މީޑިޔާއަށް މިއަދު ވިދާޅުވީ އެ ޕާޓީން އެ ގޮތައް ހުށަހެޅީ ކޯނީގެ ރިޕޯޓުގައި މި ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ކަނޑައަޅާފައިވާތީ އާއި ސަރުކާރު ބަދަލުވިއިރުވެސް އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށްވާތީ ކަމަށެވެ.
"2008 ގައި އިންތިހާބަކުން މޮޅުވީއިރުގައި މިރާއްޖޭގައި މިއޮތީ އެމްޑީޕީގެ ސަރުކާރެކޭ މިއޮތީ، އެހެންވެ އަޅުގަނޑުމެން މި ސަރުކާރުގައި ބައިވެރިވާނަމޭ، ވީމައޭ އޭރުންނޭ އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން އެއްޗެއް ބުނުމުގެ ބާރު ލިބޭނީ، އެކަން އަޅުގަނޑުމެން ހުށަހެޅިން،" މޫސަ ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް ޔަގީންކަމާ އެކު ދަންނަވަން އަޅުގަނޑުމެން ބުނެފައި އޮންނާނީ ކޯނީގެ ރިޕޯޓުގައި ބުނެފައި އޮންނަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި މައްސަލައެއް ނެތިކަމަށް ވެއްޖިއްޔާ، މިހާރު މިއޮތީ 2008 ވަނަ އަހަރު ހޮވި ވެރިކަން ކަމަށްވިއްޔާ އެ ސަރުކާރޭ މިއީ، މި ސަރުކާރުގައި އެމްޑީޕީ އޮންނާނޭ، އަޅުގަނޑުމެން މި ސަރުކާރާ އެކީއޭ ކުރިއަށް ދާން މިތިބީ،"
އޭނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން އެމްޑީޕީއަކީ އިދިކޮޅު ޕާޓީއެއްކަން ނުވަތަ ނޫންކަން ކަނޑައަޅައި ދިނުމަށް ވެސް މިއަދުގެ މަޝްވަރާތަކަށް ހުށަހެޅި ކަމަށާއި މަޖިލީހުގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިއަށް ގެންދެވެން އަންނަނީ އޭރަށް ކަމަށެވެ. މޫސަ ވިދާޅުވީ ހެޔޮވެރި ކަމާއި ޑިމޮކްރަސީގެ އެންމެހާ އުސޫލުތައް ކުރިއެރުވުމަށް އެ ޕާޓީން ތައްޔާރަށް ތިބި ކަމަށާއި އަދި މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުމަށްވެސް ކުރަން ޖެހޭ ކަންކަމާ މެދު މަޝްވަރާ ކުރުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންތައްތަކަށް ސަރުކާރުން އަމަލުކުރުމަށް ވެސް އެމްޑީޕީގެ ފަރާތުން ހުށަހެޅި ކަމަށެވެ.
އެ ހުށަހެޅުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަރުކާރުގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވެ ވަޑައިގެންނެވި، ރައީސްގެ ޕޮލިޓިކަލް އެޑްވައިޒާ އަހުމަދު ތައުފީގު (ޓޯޕީ) ވެސް މަޝްވަރާތަކަށް ފަހު ވިދާޅުވީ ސަރުކާރުން އެކަމަށް މަރުހަބާ ކިޔާ ކަމަށާއި މިއީ ތާރީހީ ދުވަހެއް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ހުށަހެޅުމާ މެދު ގޮތެއް ނިންމޭނީ އެކަމާ މެދު އިތުރަށް މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"އެހެންވީމަ ދެން ސަރުކާރުން ޖެހޭނީ، ސަރުކާރުގައި ބައިވެރިވާ އެހެން ޕާޓީތަކާއި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާތަކަކުން ގޮތެއް ނިންމަން، އަޅުގަނޑު އުފާކުރަން އެމްޑީޕީން މިކަން ހުށަހެޅުއްވީތީ، އެނގިވަޑައިގަންނަވާނެ މިއީ ޔުނިޓީ ސަރުކާރެއް، ރައީސް ވަރަށް ބޮޑަށް ބާރުއަޅުއްވައި 2013ގައި ފްރީ އެންޑް ފެއާ އެންޑް އިލެކްޝަނެއް ބޭއްވުމަށް، އަދި ޔުނިޓީ ގަވަރުމެންޓެއްގައި އެފަދަ ފުރުސަތެއް އެހެން ޕާޓްނަރުން އެއްބަސްވަންޏާ އެމްޑީޕީއަށް ދިނުން އެއީ ގައުމީ އެއްބައި ވަންތަކަށް މުހިންމު ކަމެއް،" ޓޯޕީ ވިދާޅުވި އެވެ.
ލީޑާޒް ޑައިލޮގްވެސް ވިލަރެސް ކުރައްވާ އަހުމަދު މުޖުތަބާ ވިދާޅުވީ މިއަދު ބޭއްވި މަޝްވަރާތަކުގައި ލީޑަރުން މަޝްވަރާ ކުރެއްވީ އެޖެންޑާއެއް އެކުލަވާލައި އޭގެ ތަރުތީބަކާއި މެދުގައި ކަމަށެވެ. ލީޑާޒް ޑައިލޮގްގެ އެޖެންޑާގައި ފުރަތަމަ ހިމެނެނީ ޑިމޮކްރަސީ އާއި ހެޔޮވެރިކަން ކުރިއެރުވުމަށް މަޝްވަރާ ކުރުމާއި އެމްޑީޕީ ހިމެނޭ ގޮތައް އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމް ކުރުމަށް މަޝްވަރާ ކުރުމާއި އަމާން ކަމާ އެކު މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޝްވަރާ ކުރުމާއި ކޯނީގެ ރިޕޯޓުގައި ހުށަހަޅާފައި ހުރި ކަންތައްތަކަށް އަމަލުކުރުމުގެ މަޝްވަރާތަކާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަޝްވަރާ ކުރުމެވެ.
"މި ކަންތައްތަކާ މެދު މަޝްވަރާކުރުން، ދެން އޮންނަ ބައްދަލުވުމެއްގައި އޮންނާނީ، އެ މަޝްވަރާތަކުގައި އެމްޑީޕީ ސަރުކާރުގައި ބައިވެރި ކުރުމުގެ މަޝްވަރާތައް ވެސް ދާނެ،" މުޖުތަބާ ވިދާޅުވި އެވެ.
ލީޑާޒް ޑައިލޮގްގެ ބައްދަލުވުމެއް ދެން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ލީޑާޒް ޑައިލޮގްގެ ބައްދަލުވުންތައް އެންމެ ފުރަތަމަ ބޭއްވީ ސިޔާސީ ޕާޓީތަކުގެ މަންދޫބުންގެ މެދުގައި އޯލްޕާޓީ ޓޯކްސްގެ ނަމުގަ އެވެ. މީގެ ކުރީގެ ވާހަކަތަކުގައި މުޅިންވެސް މަޝްވަރާކޮށްފައިވަނީ ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމާއި ބަޖެޓްގެ ހާލަތާއި މިނިވަން މުއައްސަސާތަކުގެ މަގާމުތައް ބަދަލުކުރުމާއި އިސްލާހު ކުރަން ޖެހޭ ގާނޫނުތަކާއި އަލަށް އުފަން ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ދެނެގަތުމާއި އަދި ރިޔާސީ އިންތިހާބުގެ ތާރީހަކާއި މެދު އެވެ. އެ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުކުމެފައެއްނުވެ އެވެ.