02 Sep 2012, 17:40
އެމްޑީޕީ މީހުންންގެ މައްސަލަތަކުގައި ދައުވާ ކުރަން ކޯޓަށް ފޮނުވާ އިރު ގާނޫނާ ހިލާފަށް އަމަލުތައް ހިންގާފައިވާ ކަމަށް ބުނާ ފުލުހުންގެ މައްސަލަތައް ކޯޓަށް ނުފޮނުވޭ ނަމަ އެމްޑީޕީ މީހުންގެ މައްސަލަތައް ކޯޓަށް ނުފޮނުވައި މަޑުޖައްސާލުމަށް އެމްޑީޕީ އިން ޕީޖީގައި އެދެފި އެވެ.
މިއަދު މެންދުރު ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒާ ބައްދަކުރެއްވުމަށް ފަހު ނޫސްވެރިނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ 7 ފެބްރުއަރީގެ ފަހުން 1000 އަށް ވުރެ ގިނަ މީހުން ހައްރުކޮށްފައިވާ ކަމަށާއި އެގޭ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ މައްސަލަ މިހާރު ވެސް ޕީޖީ އަށް ފޮނުވާފައިވާ ކަން ޕީޖީ އޮފީހުގެ ހިސާބުތަކުން އެނގެން ހުރި ކަމަށެވެ.
އޭގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުންގެ މައްސަލަ ޕީޖީ އޮފީހުން ކޯޓަށް ދައުވާ ކުރުމަށް ފޮނުވާފައިވާ އިރު 70 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ޓެރެރިޒަމްގެ ތުހުމަތުގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.
މީގެ އިތުރުން މުޒާހަރާތަކުގައި މީހުން ހައްޔަރުކުމާއި އަދި މީހުންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން އެމީހަކު ދިގު މުއްދަތެއް ވަންދެން މާލެގައި ހުންނަން ޖެހޭ ކަން ފާހަގަ ކޮށްފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އޭނާ ހުށަހެޅުއްވި ކަންތައް ޕީޖީ ވަރަށް ރަނގަޅަށް އަޑު އައްސަވާފައިވާ ކަމަށެވެ.
"ޕީޖީ އެ ހުރިހާ ވާހަކަތަކެއް ވެސް ވަރަށް ރަނގަޅަށް ކަނުލައި އަޑުއެއްސެވި،"
ފެބްރުއަރީ 8ގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ފުލުހުން ގާނޫނާއި ގަވާއިދާ ހިލާފަށް އެތައް ބަޔަކަށް ލާއިންސާނީ އަމަލުތައް ހިންގާފައިވާ ކަމަށް ހިއުމަންރައިޓް ކޮމިޝަން އޮފް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.