ޗައިނާ-ޔޫރޯ އޭޝިއާ އިކޮނޮމިކް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މިއަދު ތަޤްރީރު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ދިވެހިރާއްޖެ އާއި ޗައިނާއާ ދެ ޤައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްވިތާ 40 އަހަރު ފުރުމާ ގުޅިގެން، އެކަމާ ވަރަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ޗައިނާއަކީ ރާއްޖެއާ ވަރަށް ގާތް ރަޙްމަތްތެރި ޤައުމެއް ކަމަށާއި މިދިޔަ ދިގު މުއްދަތުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިވަމުން ގޮސްފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ޗައިނާ-ޔޫރޯ އޭޝިއާ އިކޮނޮމިކް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ބޮޑުވަޒީރު ވެން ޖިއާ ބައޯވެސް ތަޤްރީރު ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާ އަށް މިކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޒިންޖިއަން ޕްރޮވިންސްގައި ހުރި ޗައިނާގެ ވަރަށް ޒަމާންވީ އެއް ދާރުލްއާޘާރު ބައްލަވާލެއްވުމަށް މިއަދު ހެނދުނު ވަޑައިގެންނެވި އެވެ.