ރާއްޖޭގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު ފެއާ، "ހޮޓެލް އޭޝިޔާ އެގްޒިބިޝަން 2012" 140 ސްޓޯލާ އެކު ބާއްވާގޮތަށް ނިންމައިފި އެވެ.

އެ އިވެންޓް އިންތިޒާމްކުރާ މޯލްޑިވުސް އެގްޒެބިޝަން އެންޑް ކޮންފަރެންސް ސާވިސް މޯލްޑިވުސް ޑިރެކްޓާ މުހައްމަދު އަޖުމަލް މިއަދު ވިދާޅުވީ އެފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހަށް ދަރުބާރުގޭގައި ކަމަށާއި އެ ފެއާގައި ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 ގައުމެއްގެ ކުންފުނިތަކަކުން ބައިވެރިވާ ކަމަށެވެ.

"މިއެކްޒެބިޝަންގައި ހޮސްޕިޓާލިޓީ އިންޑަސްޓްރީ އަށް ސަޕްލައިކުރައްވާ ދުނިޔޭގެ މަޝްހޫރު ހުރިހާ ކުންފުއްޏަކުން ވެސް ބައިވެރިވޭ. އަޅުގަނޑުމެންގެ އެދުމަކީ މިފަހަރުގެ ފެއާއަށް ވެސް ގިނަ ބަޔަކު ޒިޔާރަތްކުރުން" އަޒުމަލް ވިދާޅުވި އެވެ.

ހޮސްޕިޓޭލިޓީ އިންޑަސްޓްރީ އަށް ހާއްސަ ކޮށްގެން 1998 އިން ފެށިގެން ބާއްވަމުން އަންނަ ހޮޓެލް އޭޝިޔާގައި އެންމެ ގިނަ ބަޔެއްގެ މަގުބޫލްކަން ހޯދާ ޝެފުންގެ ހުނަރު ދައްކާލައި ކަލިނަރީ ޗެލެންޖުގައި މިފަހަރު ދުނިޔޭގެ އެކި ގައުމުތަކުން 200 ޝެފަކު ބައިވެރިވެފައިވެ އެވެ.

ކަލިނަރީ ޗެލެންޖުގެ ވަނަ ތަށް ހޮވުމަށް މިފަހަރު ޖަޖުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ދުނިޔޭގެ ފެންވަރުގެ ފަސް ޖަޖުންނެވެ.

ހޮޓެލް އޭޝިއާ ފެއާ އަކީ ހޮސްޕިޓާލިޓީ އިންޑަސްޓުރީއަށް އަމަޒްކޮށްގެން ބާއްވާ ފެއާއެކެވެ. މިއީ މިގޮތަށް ބޭއްވޭ އަށް ވަނަ ފެއާއެވެ. މިފަހަރުގެ ފެއާގެ ސުޕޮންސާ ކުރައްވާފައި ވަނީ ބެސްޓްބައި މޯލްޑިވުސް ޕުރައިވެޓް ލިމިޓެޑްއާއި ފެންޓަސީގެ އިތުރުން ލިލީ ކޮންޕެނީން އެވެ.