ވޮޝިންގްޓަން (ސެޕްޓެމްބަރ 2): އަފްޣާން ސިފައިންގެ ތެރެއަށް އަލަށް ވަންނަ މީހުން ތަމްރީންކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް ޕެންޓަގަންއިން ނިންމައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ޕެންޓަގަންއާ ޙަވާލާދީ ވޮޝިންގްޓަން ޕޯސްޓް ބުނި ގޮތުގައި އަފްޣާން ސިފައިންގެ ތެރެއަށް އަލަށް ވަންނަ މީހުން ތަމްރީންކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އެމެރިކާ ނިންމީ ސަލާމަތީ ސަބަބުތަކަށް ޓަކައެވެ. އެމެރިކާ މިގޮތަށް މި ނިންމީ އަފްޣާން ސިފައިންގެ ތެރޭގައި ހިމެނޭ ބައެއް މީހުން އެމެރިކާ ސިފައިންނަށް އަމާޒުކޮށް ގަސްދުގައި ދޭ ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ ގިނަ ޢަދަދަކަށް މަރުވަމުންދާތީ އެމެރިކާ ކަންބޮޑުވާކަން ހާމަކޮށްފައި ވަނިކޮށެެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާ އާއި ނޭޓޯގެ ސިފައިންނަކީ އަފްޣާން ކުށެއްނެތް އާންމުން މަރައި އަދި މަދަނީ ތަންތަނަށް ޙަމަލާދި ޤައުމު ހަލާކުކޮށްލަންއުޅޭ އިސްތިޢްމާރީ ބާރުތަކެއް ކަމަށް ސިފަކުރައްވައި ފެންނަ ކޮންމެތަނަކުން އެމީހުން މެރުމަށް ތާލިބާނުންގެ ރޫހީ ލީޑަރު މުއްލާ މުޙައްމަދު ޢުމަރު ވަނީ އަފްޣާން ސިފައިންނަށާއި އާންމުންނަށާ އަދި ތާލިބާން ހަނގުރާމަވެރިންނަށް ގޮވާލައްވާފަ އެވެ.

އަފްޣާން ސިފައިންގެ ތެރެއަށް އަލަށްވައްދާ މީހުންނާއި ތާލިބާނުންނާ ދެމެދު ސިއްރު ގުޅުންތަކެއް އޮވެދާނެ ކަމުގެ ބިރު އެމެރިކާ އިޙްސާސް ކުރާކަމަށް ވޮޝިންގްޓަން ޕޯސްޓް ބުނެއެވެ. އަފްޣާން ސަލާމަތީ ބާރުތަކުގައި ހިމެނޭ ސިފައިންނާއި ފުލުހުންގެ ބައެއް މީހުން އެމެރިކާ ސިފައިންނަށް އަމާޒުކޮށްގެން ގަސްދުގައި ދީފައިވާ ޙަމަލާތައް މިފަހަކަށް އައިސް އިތުރުވެފައިވާ އިރު މިފަދަ ޙަމަލާތަކުގައި މިއަހަރުގެ މިހާތަނަށް އެމެރިކާ ސިފައިންގެ 45 މީހަކު މަރުވެފައިވެ އެވެ. މިޙަމަލާތައް ދީފައިވަނީ އަފްޣާން ސިފައިންނާއި ފުލުހުންގެ ތެރެއަށް ވަދެޙަޤީޤަތް އޮޅުވާލައިގެން އުޅޭ ތަލިބާނުންގެ އެޖެންޓުން ކަމަށް ބުނެ އަފްޣާން ސަލާމަތީ ބާރުތަކަށް އަލަށްވައްދާމީހުން މިހާރަށްވުރެ ރަނގަނޅަށް ބަލައި ސްކްރީން ކުރުމަށް ޕެންޓަގަންއިންވަނީ އަފްޣާން ސަރުކާރަށް ގޮވާލާފަ އެވެ.

އަފްޣާން ސަލާމަތީ ބާރުތަކުގައި ހިމެނޭ ބައެއް މީހުން އެމެރިކާ ސިފައިންނަށާއި ނޭޓޯގެ އެހެން ސިފައިންނަށް އަމާޒުކޮށްގެން ގަސްދުގައި ޙަމަލާދީ އެމީހުން މަރަމުން ގެންދިޔުމުގެ ފަހަތުގައި ވަނީ އެމެރިކާ ސިފައިންގެ ޙަމަލާތަކުގައި މަރުވަމުންދާ އަފްޣާން ރައްޔިތުންގެ މަރަށް ބަދަލުހިފުން ކަމަށް މުޙައްލިލުން ސިފަކުރެ އެވެ. ތާލިބާނުންނާއި އަލްޤާއިދާއާ ހަނގުރާމަކުރުމުގެ ނަމުގައި ނޭޓޯގެ 130 ހާސް ސިފައިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އިރު މީގެތެރެ އިން 90 ޕަސެންޓަކީ އެމެރިކާ ސިފައިންނެވެ.

އަފްޣާނިސްތާނުން ފޭބުމަށް ނޭޓޯ އާއި އެމެރިކާ ރާވާފައިވާ ސްޓްރެޓެޖީ ބިނާވެފައި ވަނީ 2014 ނިމުމުގެ ކުރިން އެމެރިކާއާއި ނޭޓޯގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބާލައި އަފްޣާނިސްތާނުގެ ސަލާމަތީ ހުރިހާކަމެއް ބެލެހެއްޓުން އަފްޣާން ސަލާމަތީ ބާރުތަކާ ޙަވާލުކުރުމުގެ މައްޗަށެވެ. ނަމަވެސް އަފްޣާން ސިފައިން ތަމްރީންކުރުމަށް ބޭނުންވާ ބައެއް މުދައްރިބުން އަފްޣާނިސްތާނުގައި ދިގުމުއްދަތަކަށް ބޭތިއްބުން މި ސްޓްރެޓެޖީގައި ހިމެނެއެވެ. (ވޮޝިންޓަން ޕޯސްޓް)