ގިނަ ކުދިންތަކަކާ އެކު ބަދުއަހުލާގީ އަމަލު ހިންގަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މަޝްހޫރު ގާރީ، މ. ޑްރީމީ ލައިޓް  ހުސައިން ތައުފީގު ބަންދުގައި ބެހެއްޓުމުގެ މުއްދަތުގެ 15 ދުވަހަށް އިތުރު ކުރުމަށް ރޭ ޖިނާއީ ކޯޓުން އަމުރު ނެރެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ މުޅި ރާއްޖެއަށް މަޝްހޫރު ގާރީ ތައުފީގު ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރު ކުރުމަށް ރޭ އިރާކޮޅު ޖިނާއީ ކޯޓަށް ހާޒިރު ކުރުމުން ގާޒީ ބެއްލެވުމަށް ފަހު 15 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.


އިމާމުވެ ހުކުރު ކުރައްވާ ގާރީ، ހައްޔަރުކޮށްފައި ވަނީ މި ދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ ގިނަ އަދަދެއްގެ ކުދިންނާ އެކު ބަދު އަހުލާގީ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތުގައި ނަމަވެސް އޭގެ ތަފުސީލު މިހާތަނަށް ފުލުހުން އާންމު ކޮށްފައެއް ނުވެ އެވެ.


"ތަޖުވީދު މަގަށް ގުރުއާން ކިޔެވުން" އެ ނަމުގައި ޓީވީން ގެނެސްދޭ ޕްރޮގްރާމާއި "ހޭޔަންބޯ ނަސޭހަތުގެ ބަސްކޮޅަ"ށް އަޑު އަޅައި ދޭ، ހަތް ގިރާއަތަށް ކިޔަވާ ގާރީއާ ގުޅޭ ޝަކުވާތަކެއް ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން ކުއްޖެއްގެ ގައިގައި އަތްލައިފި ނަމަ ނުވަތަ އެފަދަ އަމަލެއްގައި ކުއްޖަކު ބައިވެރިކޮށްފި ނަމަ އެއީ ކުށެއް ކަމަށާއި އެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށެވެ. އަދި ބުނަނީ ކުޑަކުއްޖަކު އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކަމަށެވެ.