02 Sep 2012, 15:55
ލާމަޒުކަޒީ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބައެއް ބިންތައް ހައުސިން މިނިސްޓްރީގެ ދަށަށް ނެގުމަށް ނިންމާފައިވީ ނަމަވެސް އެކަންތައް ކުރިއަށްދާނީ ސިޓީ ކައުންސިލާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ ބައެއް ބިންތައް އެ މިނިސްޓްރީގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް މުއިއްޒު މިއަދު ވިދާޅުވީ މިދިޔަ ހަފްތާގައި މާލޭގެ ބިންތައް ނެގުމާ ބެހޭ ގޮތުން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ އެކު ބައްދަލުވުމެއް ބާއްވައިފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ބިންތައް ބޭނުންކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކޮމިޓީއެއް ހަދައިގެން މަޝްވަރާގެ މަތިން ކަންތައްތައް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.
"މިހާރު އެއްބަސްވެފައި ވަނީ ދެ ފަރާތުން އެއްބަސްވެގެން ކަންތައްތައް ހަމަޖައްސަން. އޭގެ ފަހުން އެއްވެސް ބިމެއް ނެގުމަށް އިޢުލާންކޮށްފައެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މާލޭގެ ބިންތަކުގެ ތެރެއިން އާޓިފިޝަލް ބީޗާއި އުސްފަސްގަނޑުގެ ސަރަހައްދު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު އެކަންތައްތަކާ މެދު ވެސް މާލޭ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީގައި ހިޔާލު ތަފާތުވުންތަކެއް އުޅޭ ނަމަ އެކަމެއް ކުރާނީ އެކޮމިޓީގައި މަޝްވަރާކޮށްގެން ކަމަށެވެ.
މީގެ އިތުރުން ސަލްޓަން ޕާކްއާ ވެސްޓްޕާކް މިނިސްޓްރީން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް އެމިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ސިޓީ ކައުންސިލާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެ ބިންތައް ނެގުމަށް އެއްވެސް އިޢުލާނެއް ކޮށްފައިނުވާނެ ކަމަށާއި ވަކިން ހާއްސަކޮށް އެއްވެސް އިރެއްގައި ވެސްޓްޕާކް މިނިސްޓްރީއަށް ނެގުމަށް ނިންމާފައިނުވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގައި މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ބިމެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި މިނިސްޓްރީއާ ސިޓީ ކައުންސިލާ ދެމެދު ހިޔާލު ތަފާތުވުންތަކާއި މާލޭގެ ލޭންޑް ޔޫސް ޕްލޭން ކުރުމާ ބެހޭ ގޮތުން ދެފަރާތުން މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މާލޭގެ ރައްޔިޔުންނަށް ފައިދާ އޮތީ ދެ ފަރާތުން ވާހަކަ ދައްކައިގެން ކަމުގައިވާތީ އަޅުގަނޑުމެން ނިންމީ މަޝްވަރާކޮށްގެން މާލޭގެ ލޭންޑް ޔޫސްގެ މަސައްކަތް ކުރުމަށް ވަނީ ނިންމައިފައި،" ސުޖާއު ވިދާޅުވި އެވެ.
މާލޭގެ ބިންތަކުގެ ތެރެއިން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގެ ތެރެއިން އުސްފަސްގަނޑު ސަރަހައްދުގެ ބިން އެބިން ދޫކުރި މަގުސަދާ ހިލާފަށް ސިޓީ ކަައުންސިލުން ބޭނުންކުރަމުން ގެންދާތީ އެބިން ސަރުކާރަށް ނެގުމަށް އެމައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.