02 Sep 2012, 15:48
ޖިއްދާ (ސެޕްޓެމްބަރ 2): 1948 ގައި އިސްރާއީލުން ހިފި ފަލަސްތީނުގެ ރަށެއްކަމަށްވާ ބިއްރުއްސަބްޢުގެ ތާރީޚީ މިސްކިތުގެ ހަރިންމަ ތެރޭގައި ބަނގުރަލުގެ ޙަފްލާއެއް ބޭއްވުމަށް އިސްރާއީލުން ތައްޔާރުވަމުންދާ މައްސަލާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިސްރާއީލުގެ ސަރުކާރަށް އިންޒާރެއް ދީފި އެވެ.
މިމައްސަލާގައި އިސްރާއީލަށް އިންޒާރު ދެއްވަމުން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް އަކްމަލުއްދީން އިޙްސާން އޮގްލޯ ވިދާޅުވީ މިއީ މުޅި އިސްލާމީ އުންމަތަަށާއި މުސްލިމުންނަށް ޖެއްސުންކުރުމުގެ ޢަމަލެއްގެ އިތުރުން ފަލަސްތީނުގައިވާ އިސްލާމީ ތާރީޚީ ތަންތަންތަނާއި މުޤައްދަސް ބިނާތަކުގެ ޙުރްމަތްކަނޑައި އެތަންތަން ނައްތާލުމަށް އިސްރާއީލުން ރާވާފައިވާ ޕްލޭނެއްގެ ދަށުން ކުރާކަމެއް ކަމަށާއި މިކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގަ އެވެ. މިމައްސަލައާ ގުޅިގެން އިސްރާއީލަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ޒިންމާވާން ޖެހޭނީ އިސްރާއީލުގެ ހަރުކަށި ވެރިންކަމަށް ވެސް އޮގްލޯ ވިދާޅުވި އެވެ.
ބިއްރުއްސަބްޢުގެ ތާރީޚީ މިސްކިތުގެ ހަރިންމަ ތެރޭގައި ބަނގުރަލުގެ ޙަފްލާއެއް ބޭއްވުމަށް އިސްރާއީލުން ރާވާފައި ވަނީ މި ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހާއި ހަ ވަނަ ދުވަހު އެވެ. އިސްރާއީލުގައި ބަނގުރަލުގެ ވިޔަފާރިކުރާ އެންމެ މަޝްހޫރު 30 ކުންފުންޏަކުން މި ޙަފްލާގައި ބައިވެރިވެ އެކުންފުނުތަކުގައިވާ ބަނގުރަލުގެ ކޮލިޓީއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެއިތުރުން ޔޫރަޕާއި އެމެރިކާގެ ބައެއް ކުންފުނިތައް ވެސް މިޙަފްލާގައި ބައިވެރިވާ ކަމަށް މި ޙަފްލާގައި އިސްރާއީލުގެ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކުން މިހާރު މިކަމަށް ތައްޔާރުވަމުންދާ އިރު ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތަކުންވެސް ވަނީ މިމައްސަލާގައި އިސްރާއީލަށް އިންޒާރުކޮށްފަ އެވެ. (އަލްޖަޒީރާ)