ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން 2011 ވަނަ ބައެއް ދަތުރުތައް ކޮށްފައި ވަނީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތުގައި ނޫން ކަމަށް އެ ކޮމިޝަންގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުގެ ވެބް ސައިޓުގައި އާންމުކޮށްފައިވާ ސީއެސްސީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން "އޭޝިޔާ ޕެސިފިކް ކޮލިޓީ ނެޓްވޯކް 2011"ގައި ބައިވެރިވުމަށް ކޮމިޝަންގެ ރައީސް، މުހަންމަދު ފަހުމީ ހަސަން އާއި އެ ކޮމިޝަންގެ، އެސިސްޓެންޓް ލެކްޗަރާ އެ އަހަރުގެ މާޗް އެކަކުން ފަހަކަށް ބެންގަލޫރަށް ދަތުރެއް ކުރެއްވި ނަމަވެސް އެ ކޮންފަރެންސްގެ ފީ ނުދައްކާތީ އެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިނުގެންނެވުނު ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް އިންޑިއާގައި ފަސް ދުވަހު މަޑުކުރެއްވި ކަމަށާއި އޭގެ ތެރެއިން ކޮމިޝަންގެ ރައީސް އަމިއްލަފުޅު ކަމެއްގައި އިންޑިއާގައި މަޑުކުރެއްވުމަށް ފަހު މާލެ ވަޑައިގަތީ މާޗް މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. އެ ދަތުރަށް ދައުލަތުގެ ބަޖެޓުން 42،852ރ. ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް ލަފާއަރުވާފައި ވަނީ އެ ދަތުރަށް ސީއެސްސީގެ ބަޖެޓުން ހަރަދުކުރި ފައިސާ އެ މުވައްޒަފުންގެ އަތުން އަބުރައި އަތުލުމަށެވެ.

ރިޕޯޓުގައި އަދިވެސް ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭން ކުރެވެން އޮތް ޓްރެއިނިންއަކަށް އެ ކޮމިޝަންގެ 16 މުވައްޒަފަކު ރާއްޖޭން ބޭރަށް ފޮނުވައިގެން އެކަމަށް 259،722ރ. ހަރަދުކޮށްފައިވާ ކަމަށާއި އެ ޓްރެއިނިން ރާއްޖޭގައި ބޭއްވުމަށް ކޮމިޝަންގެ މެންބަރުން މަޝްވަރާ ކުރުމަށް ފަހު ވެސް އެކަން އެގޮތަށް ކޮށްފައި ވަނީ ކޮން އުސޫލަކުންކަން އެނގެންނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެން އަހަރުތަކުގެ އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތުން ސީއެސްސީގެ މެންބަރުންގެ ފޯނު ބިލުތައް 2011 ވަނަ އަހަރު ވެސް ދައްކާފައި ވަނީ ދައުލަތުގެ ބަޖެޓުންނެވެ. އެގޮތުން މެންބަރުންގެ ފޯނުބިލުތަކަށް ސީއެސްސީގެ ބަޖެޓުން 51،881ރ. ހަރަދުކޮށްފައިވެ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ މެންބަރުން އެ ފައިސާ ނަންގަވާފައި ވަނީ ސިވިލްސާވިސް ގާނޫނާ ހިލާފަށް ކަމަށް ވުމުން އެ ފައިސާ މެންބަރުންގެ އަތުން އަތުލައި ދައުލަތުގެ ރެވެނިއުފަންޑަށް ޖަމާކުރަން ޖެހޭނޭ ކަމަށެވެ.

އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ފިނޭންސްގެ ހުއްދަ ވެސް ނެތި ބަޖެޓުގައި ހިމެނިފައި ނުވިނަމަވެސް ސީއެސްސީގެ މެންބަރުންގެ ފަރާތުން އެޑްވައިޒަރީ ކޮމެޓީގެ މެންބަރުންނަށް އައިއޯލީ ރެސްޓޯރަންޓުން 6499ރ. ހަރަދުކޮށް ރޯދަވީލުމެއް ދީފައިވާ ކަމަށެވެ. އެއީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށްކޮށްފައިވާ ހަރަދެއްކަމަށް ވަނީ އޮޑިޓްގައި ބުނެފަ އެވެ.