02 Sep 2012, 14:34
މިދިޔަ ރޯދަ މަހު ދިޓިވީން އިންތިޒާމުކޮށްގެން ބޭއްވި "ތަރިންގެ ރޭ"ގެ ލަވަކިޔުމުގެ މުބާރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް ލިބުނު 15000 ރުފިޔާގެ ފައިސާގެ އިނާމު ކެއާސޮސައިޓީ އަށް މިއަދު ހަދިޔާ ކޮށްފި އެވެ.
ކެއާސޮސައިޓީގައި މިއަދު ބޭއްވި ހަފުލާއެއްގައި މަހުލޫފު ހަދިޔާކުރެއްވި ފައިސާއާ ހަވާލުވީ އެ ސެންޓަރުގެ ޑިރެކްޓަރު ސިދާތާ ޝަރީފެވެ.
ކެއާސޮސައިޓީ އާ ފައިސާ ހަވާލު ކުރެއްވުމަށް ފަހު މަހުލޫފު ވިދާޅުވީ ކެއާސޮސައިޓީގައި ކުރަމުން ދަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި ނުކުޅެދުން ތެރިކަން ހުންނަ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ.
ކެއާސޮސައިޓީގެ ޑިރެކްޓަރު ސިދާތާ ޝަރީފު ވިދާޅުވީ އެފަދަ އެހީތެރިކަން ގިނަ ފަރާތްތަކަކުން ފޯރުކޮށް ދެއްވާ ކަމަށާއި މިއަދު ލިބުނު ފައިސާގެ ސަބަބުން މި އަހަރު ކުރަން ގަސްތުކޮށްފައި ހުރި ބައެއް ކަންކަން ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މަހުލޫފު ވެދެއްވި އެހީތެރިކަމުގެ ސަބަބުން ވެސް ހިތްވަރު ލިބިގެން ދިޔަ ކަމަށެވެ.