02 Sep 2012, 14:19
މީހަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން ވަޒީފާ އިން ވަކިކުރަން އެންގި ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިނުވާ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް މިއަދު ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހަކަށް ޕޮލިސް ސާޖަންޓް އަލީ އަހުމަދު އަނިޔާ ކުރާތަން ފެންނަ ވީޑިއޯ ތަހުގީގު ކުރުމަށް ފަހު ފުލުސްމީހާ ވަޒީފާ އިން ވަކިކުރަން އަންގާފައިވާ ކަމަށެވެ.
އަދި ފަރެސްމާތޮޑާ މުހައްމަދު ނިޔާޒު ކިޔާ އެމީހާ އަށް ފުލުސްމީހާ އަނިޔާ ކުރާ މައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ނިންމި ނިންމުމާ އެއްގޮތަށް، އޭނާ އަކީ ފުލުހުންގެ ވަޒީފާގައި ބަހައްޓަން އެކަށީގެންވާ މީހެއް ކަމަށް ނުފެންނާތީ ފުލުސް މީހާ ވަޒީފާ އިން ވަކިކުރުމަށް ހޯމް މިނިސްޓަރުގެ ލަފަޔަށް އަރުވާފަވާ ކަމަށެވެ.
ސާޖަންޓް އަލީ މުހައްމަދުގެ މައްސަލަ ދައުވާ ކުރުމަށް އެ ކޮމިޝަނުން ޕީޖީއަށް ފޮނުވުމާ ގުޅިގެން އޭނާގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.
އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީގެ ބަހެއްވަނީ ލިބޭ ގޮތްނުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެދުވަހު ހިނގައި ދިޔަ ހާދިސާތައް މިނިވަން މުއައްސަސާތަކުން ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އަދި އެއްވެސް ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިނުވާ ކަމަށެވެ. އަދި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެކަން ބެލުމަށްފަހު ސާޖަންޓް އަލީ އަހުމަދާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އެގޮތުން އޭނާކުރިން ހުރި ޑިޕާޓްމަންޓުން އެހެން ޑިޕާޓްމަންޓަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށާއި އެގޮތަށް ކަންތައް ކުރީ ޝަރީޢަތުން އެމައްސަލައާ ގުޅޭގޮތުން އަދި ވަކިގޮތަކަށް ނުނިންމާތީ ކަމަށް ފުލުހުން ބުނެ އެވެ.
ފެބްރުއަރީ ހަތް ވަނަ ދުވަހު ހިނގާދިޔަ ހާދިސާއާ ގުޅިގެން އަށް ވަނަދުވަހު އެމްޑީޕީ މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންނަށް ފުލުހުން އަނިޔާ ކުރި މައްސަލަތައް އަންނަނީ ކަމާ ބެހޭ މުއައްސަސާތަކުން ބަލަންފަށާފަ އެވެ.
ފެބްރުއަރީ ހައެއް ހަތެއް އަދި އަށް ވަނަ ދުވަހު ހިނގާއިދިޔަ ހާދިސާތަކާ ގުޅޭ ގޮތުން ފުލުހުންނާއި މެދު އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.