ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމު ހިންގުމަށް ޓަކައި ސިޔާސީ ފަރާތްތަކުން އެއްބާރުލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން ބުނެފި އެވެ.

ހައި ރެޕްރެޒެންޓިވް އޮފް ދަ ޔޫރަޕިއަން ޔޫނިއަން ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ ކެތަރިން އެޝްޓަން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ކުރިއަށް ދާނެ ގޮތެއް ކަނޑަ ނާޅައި، ސިޔާސީ އިގުތިސާދީ އަދި ތިމާވެށީގެ ގޮތުން ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.

"ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހިނގާނެ ގޮތެއް ހެދުމަށް، ހުރިހާ ސިޔާސީ ފަރާތްތަކުން އެއްބާރުލުން އެހެން އެއްވެސް އިރަކަށް ވުރެ މިހާރު މުހިއްމު ކަމަށް އީޔޫ ދެކެ އެވެ. ކުރިއަށް ދާނެ ގޮތެއް ކަނޑަ ނާޅައި، ސިޔާސީ އިގުތިސާދީ އަދި ތިމާވެށީގެ ގޮތުން ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ނުކުރެވޭނެ އެވެ،" ބަޔާނުގައިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަން ބަދަލުވިގޮތް ތަހުގީގުކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓަށް މަރުހަބާ ކިއުމުގެ ގޮތުން އީޔޫ އިން ނެރުނު ބަޔާނުގައި، ސިޔާސީ ލީޑަރުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުން ފަދަ ، ކޮމިޝަނުން ކޮށްފައިވާ މަސައްކަތް ފުރިހަަމަ ކުރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާފައިވެ އެވެ.

އަދި ފަހަކަަށް އައިސް ރާއްޖޭގައި ހިނގާފައިވާ ހަމަނުޖެހުން ބޮޑު މުޒާހަރާތަކާއި ސިޔާސީ ކޯޅުންތަކާ މެދު އެޝްޓަން ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ކޯނީގެ ބަޔާނަށް އީޔޫ އިން މަރުހަބާ ކިޔާފައި މިވަނީ އދ. އާއި ކޮމަންވެލްތާއި އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް އެރިޕޯޓަށް މަރުހަބާކިޔާފައި ވަނިކޮށެވެ. އެހުރިހާ ފަރާތްތަކަކުން ވެސް ގޮވާލާފައި ވަނީ ކެތްތެރިކަމާ އެކު މަޝްވަރާކޮށްގެން ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތައް ކުޑަކޮށް ގައުމު އާއްމު ހާލަތަށް ގެނައުމަށް ސިޔާސީ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަށެވެ.