ގ. ވޭރު އަބްދުލް މުހީތު މަރާލި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާ ކޮށްފައިވާ ތިން މީހުން ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ނަފީ ކުރުމަށް ޓަކައި ދައުލަތުން ހެކި ހުށަހަޅަައިފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހުންގެ ދިފާއުގައި ދީފައިވާ ހެކިބަސް ނަފީ ކުުރުމަށް ޓަކައި ހަތަރު މީހަކު ހެކީންގެ ގޮތުގައި ދައުލަތުން މިއަދު ހުށަހަޅާފައިވާ ކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އެ ހަތަރު މީހުންގެ ހެކިބަސް ނެގުން ކަމަށެވެ.

"ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުވާ ލިބޭ ފަރާތްތަކުގެ ދިފާއުގައި ދީފައިވާ ހެކިބަސް ނަފީ ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހަތަރު ހެކީންގެ ހެކިބަސް ނެގުން،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ޓަކައި ދައުލަތުން ވީޑިއޯތަކެއް ހުށަހެޅުމަށް ފަހު އޭގެ ތެރެއިން އެއް ވީޑިއޯ ސިއްރު ކުރުމަށް އެދިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ދައުލަތުން ސިއްރު ކުރަން އެދިފައިވާ ވީޑިއޯ ފިޔަވައި ދެން ހުރި ވީޑިއޯތައް، ދައުވާ ލިބޭ މީހުންގެ ވަކީލުންނަށް ދެއްކުމަށް ޓަކައި ޚާއްސަ ސެޝަނެއް ބާއްވަނެ ކަމަށާއި އެ ސެޝަން ކުރިއަށް ގެންދާނީ ކަމާގުޅުން ހުރި އެކްސްޕާޓުން ވެސް ހާޒިރުކޮށްގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި އިރު އެތިން މީހުންގެ އުމުރަކީ 17 އަހަރު ކަމަށާއި ނަމަވެސް އޭގެތެރެ އިން އެކަކަށް މާޗް މަހުގެ ތެރޭގައި 18 އަހަރު ފުރިފައިވާ އިރު އަނެކަކަށް މި މަހުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ކަމަށެވެ. އަދި އަނެއް ކުއްޖާ އަށް 18 އަހަރު ފުރޭނީ އަންނަ އަހަރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރައި މުހީތު މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފަ އެވެ. އެ ތިން މީހުންނަކީ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހުމަދު ނާސިހު އާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނެވެ.

މުހުޖަތާއި މުޝައްފައުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ އިރު އެ މައްސަލަ ސާބިތު ކުރުމަށް ޓަކައި ދައުލަތުން ހުށަހެޅި ތިން މީހުންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގާފަ އެވެ.

ހެކިބަސް ދިން ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ މުހީތަށް، މުހުޖަތު ހަމަލާދިންތަން ދުށްކަމަށް ބުނެފަ އެވެ. ފުރަތަމަ ހެކިބަސް ދިން މީހާ ބުނީ މުހީތުގަޔަށް މުހުޖަތު ވަޅިހެރިތަން އޭނާ ދުށްކަމަށެވެ. އަދި ދެވަނަ އަށް ހެކިބަސް ދިން މީހާ ބުނީ މުހުޖަތު މުހީތަށް ހަމަލާދިންތަން ދުށްކަމަށާއި ނަމަވެސް އެވަގުތު އޭނާގެ އަތުގައި ވަޅިއެއް އޮތްކަމަށް ފާހަގަ ނުކުރެވޭ ކަމަށެވެ.

ހަމަލާދިން ގޮތް ކިޔައިދެމުން އެމީހާ ބުނީ މުހީތާއި ދިމާލަށް މުހުޖަތު އަތް ހޫރުވި މަންޒަރު ވަރަށް ރަނގަޅަށް އޭނާ އަށް ފެނުނު ކަމަށެވެ.

މުޝައްފައުގެ މައްޗަށް ހެކިބަސް ދީފައި ވަނީ އެންމެ މީހެކެވެ. އެމީހާ ބުނީ މުހީތުގަޔަށް މުޝައްފައު ވަޅި ހެރިތަން އޭނާ އަށް ފެނުނު ކަމަށާއި ލަފާކުރެވޭ ގޮތުގައި އެއީ އަށް އިންޗީގެ ބެނެޓް ވަޅިއެއް ކަމަށެވެ.

މައިމޫންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މުހީތަށް ހަމަލާދީ ނިމުމުން މުހީތަށް ހަމަލާދިން މީހަކު ސައިކަލަކަށް އަރުވައިގެން ދިޔަކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ދެ މީހަކު ހެކިބަސް ދީފައިވާ އިރު އެ ދެ މީހުން ވެސް ބުނީ ހާދިސާ ހިނގި ރޭ އެ ސަރަހައްދުގައި ސައިކަލެއްގެ މަތީގައި މައިމޫން އިންދާ އޭނާއަށް ފެނިފައިވާ ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން ވަނީ ގަރީނާގެ ގޮތުގައި އެ މީހުންގެ ފޯންކޯލް ރެކޯޑިން އާއި ސީސީޓީވީ ފްޓޭޖްތަކެއް ހުށަހަޅާފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ އެ ހެކިތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށެވެ.