ހާލުގައި ޖެހިފައިވާ ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ މީޑީއާ އިސްނަގައިގެން، ހާއްސަ ކެޕްމޭނެއް ލޯންޗުކޮށްފި އެވެ.


"މޯލްޑިވްސް ހެލްޕު ޕާކިސްތާން" ނަމުގައި ކުރިއަށް ގެންދާ މި ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ރޭޑިއޯ އާއި ޓީވީ ސްޓޭޝަންތަކެއް ގުޅިގެން އީދު ދުވަހު ހާއްސަ ޓެލެތޯން ޕްރޮގްރާމެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.


"މޯލްޑިވްސް ހެލްޕު ޕާކިސްތާން" ކެޕްމޭނެއް ލޯންޗުކުރުމަށް، ހުރިހާ ރޭޑިއޯ އަކާއި ޓީވީން މިރޭ ވަގުތުން ދެއްކި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، މީޑިއާ ކޯޑިނޭޓިން ކޮމެޓީގެ މެމްބަރު، އެމްއެންބީސީ ޗެނަލް ވަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު އާޝިފް (މޮންދު) ވިދާޅުވީ އީދު ދުވަހުގެ ހެނދުނު 10.30 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ 24 ގަޑިއިރުގެ މި ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ މީޑިއާ ބައިވެރިވެގެން އެއް ވަގުތެއްގައި މިގޮތަށް ކުރިއަށްގެންދެވޭ ފުރަތަމަ ޕްރޮގްރާމް ކަމަށާއި މި ޕްރޮގްރާމްގެ ކަންތައްތައް ރޭވުމުގެ މަސައްކަތުގައި ރޭޑިއޯ އާއި ޓީވީ ޗެނަލްތަކުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.


އީދު ދުވަހު ހުރިހާ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯން ޝޯގެ އިތުރުން ޕާކިސްތާނަށް އެހީތެރިވުމުގެ ގޮތުން އެންޖީއޯސްތައް ގުޅިގެން އިންތިޒާމްކޮށްގެން އީދު ދުވަހުގެ ހަވީރު ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރަކާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީން ރާވާ މިއުޒިކް ޝޯއެއްގެ އިތުރުން އީދު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ފުޓުބޯޅަ މެޗުތަކެއް ވެސް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.


ޕާކިސްތާނަށް މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް އެ ގައުމުގެ ބިމުގެ ފަސް ބައިކުޅަ އެއްބައިގައި ވަނީ ފެންބޮޑުވެފަ އެވެ.  ޕާކިސްތާނުގެ ފެންބޮޑުވުމުގެ މި ހާދިސާގައި، 20 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާއިރު، 1600 އެއްހާ މީހުން ވަނީ މަރުވެފަ އެވެ. އަދި ހަތަރު މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.


މި ކެމްޕޭނާ ގުޅޭ ހާއްސަ ލަވައެއް ވެސް މިހާރު ވަނީ ލޯންޗުކޮށްފަ އެވެ.