02 Sep 2012, 13:19
މުވައްޒަފުންގެ ދިރިއުޅުމާއި އިޖްތިމާއީ ބޭނުންތަކަށް އެހީވެދިނުމުގެ ގޮތުން އެސްޓީއޯ އިން ސުޓާފް ޑިސްކައުންޓް ސުކީމެއް ތައާރަފްކޮށްފި އެވެ.
އެސްޓީއޯ ސުޕަމާކެޓްގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ސުކީމް ތައާރްފޮކޮށްދެއްވީ އެސްޓީއޯ އަށް އެންމެ ގިނަ ދުވަސްވަންދެން ހިދުމަތްކޮށްދެއްވާފައިވާ ސްޓާފް ކަމަށްވާ އަބްދުﷲ ރަޝީދު އެވެ.
އެސްޓީއޯ އިން ބުނީ އެ ސުކީމްގެ ޚިދުމަތް އެ ކުންފުނީގެ ހޯމް އިމްޕްރޫވްމަންޓުންނާއި ސުޕަމާޓް އަދި ރީޖަނަލް އައުޓްލެޓްސްތަކުން އެސްޓީއޯގެ ކޮންމެ މުއައްޒިފަކަށް ވެސް ލިބޭނެ ކަމަށެވެ. އެގޮތުން އެ ސުކީމުގެ ދަށުން ހޯމް އިމްޕްރޫވްމަންޓްގެ ޕްރޮޑަކްޓްތަކުން ފަސް ޕަސެންޓްގެ ޑިސްކައުންޓް ލިބޭ އިރު އެކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަންތައް ހިގަމުން ދާއިރު 2.5 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ސުޕަމާޓްގެ ޕްރޮޑަކްޓް ތަކުން ދެ ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ޑިސްކައުންޓް ސުކީމް ހިދުމަތް ލިބޭނީ އެސްޓީއޯ އިން ވިޔަފާރި ކުރާ ވަގުތު އެ މުވައްޒަފެއްގެ ސްޓާފްކާޑް ދެއްކުމުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ސުޕަމާޓް އަދި ހޯމް އިމްޕްރޫވްމަންޓްގެ ހުރިހާ ޕްރޮޑަކްޓް ރޭންޖްތަކުން ޑިސްކައުންޓް ލިބެން ހުރުމަކީ މުވައްޒަފުންގެ އާއިލާގެ ހުރިހާ މައިގަނޑު ބޭނުންތައް ފުއްދުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ.