02 Sep 2012, 13:09
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް މާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް ވިދާޅުވީ ނަޝީދުގެ މައްސަލަ ބާއްވަން ހަމަޖައްސާފައި ވަނީ ޖަސްޓިސް ބިލްޑިންގެ ތިރީގައި ހުންނަ ޝަރީއަތް ކުރާ ކޮޓަރީގައި ކަމަށެވެ.
"ޖަސްޓިސް ބިލްޑިންގެ ތިރީގައި ހުންނަ ޝަރީއަތް ކުރާ ކޮޓަރީގައި އެ މައްސަލަ ބޭއްވުމަށް ނިންމާފައި ވަނީ،" ލަތީފާ ވިދާޅުވި އެވެ.
ހުޅުމާލޭ ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އަވަސްކޮށްދިނުމަށް އެދި ރައީސް ނަޝީދު އެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ވީހާވެސް އަވަހަކަށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން އިދާރީ ގޮތުންނާއި ފަންނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މިހާރު ކުރަމުން ގެންދާ ކަމަށާއި ޝަރީއަތްތަށް ކުރިއަށް ގެންދާނީ ވީހާވެސް ހާމަކަމާއި އެކު ކަމަށެވެ.
ނަޝީދުގެ އިތުރުން އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސްފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އެ އެންމެންގެ މައްޗަށް ވެސް ކުރާ ދައުވާ އަކީ ގާނޫނާއި ޚިލާފުކޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.